ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލާގައި ޝަރީއަތަށް، އޭނާ ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި ދިފާއީ ހެކީންނާއި ދައުލަތުން ހުށަހެޅި ބައެއް ހެކީން ހާޒިރުކުރަން ނިންމައިފިއެވެ.

އެމައްސަލާގައި ބަހާލައިގެން މިއަދު ވަނީ ތިން އަޑުއެހުމެއް ބާއްވާފަ އެވެ. ފުރަތަމަ ދެއަޑު އެހުން ހުޅުވާލައިގެން ބާއްވާފައިވާއިރު އެންމެ ފަހު އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެނެވެ.

ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ހެކިން މާލޭގައި ތިބި ނަމަ މާދަމާ ބާއްވާ އަޑުއެހުމަށް އެ ހެކިން ހާޒިރު ކުރަން ޝަރީއަތުން ނިންމާފައިވާ ކަމަށެވެ.

"ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންނާއި، ނާޒިމްގެ ފަރާތުން މީގެ ކުރިން ކްރިމިނަލް ކޯޓުގައި ހާޒިރުކޮށްދިނުމަށް އެދި ހާޒިރު ނުކުރާ ބައެއް ހެކިން ހާޒިރު ކުރަން ޝަރީއަތުން ވަނީ ނިންމާފައި" ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސިއްރު އަޑުއެހުމެއްގެ ގޮތުގައި މިއަދު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ލިޔުމާ ބެހޭ މައްސަލަ އެވެ. ލިޔުން ބަލައިގަތުމާ މެދު އަދި ވެކިގޮތެއް ނުނިންމާ ކަމަށް ނާޒިމްގެ ވަކީލު ވިދާޅުވި އެވެ. ދައުލަތުގެ ފަރާތުން މިއަދު ވަނީ އެލިޔުމާގުޅުން ހުރި ތަފްސީލު މައުލޫމާތުތަކެއްވެސް ޝަރީއަތަށް ހުށަހަޅާފަ އެވެ.

ހުޅުވާލައިގެން މިއަދު ކުރިއަށްދިޔަ ދެ އަޑުއެހުމުގައި ނާޒިމްގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ވަނީ ގިނަ ވާހަކަތަކެއް ދައްކާފަ އެވެ. ނާޒިމްގެ ފަރާތުން ވާހަކަދައްކަމުން ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ހެކި ހުށަހެޅުމުގެ ހަމަ ހަމަ ކަން ލިބިފައިނުވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ފަރާތުން ގިނަ ހެކިތަކެއް ހުށަހަޅާފައިވާއިރު ނާޒިމްގެ ފަރާތުން ހުށަހެޅި ގިނަ ހެކިތަކެއް ހާޒިރު ނުކޮށްދޭން ޝަރީއަތުން ނިންމާފައިވާކަން ނާޒިމްގެ ވަކީލު ވަނީ ފާހަގަކޮށްފަ އެވެ. އޭގެ އިތުރުން ނާޒިމްގެ ގެ ފުލުހުން ބަލާ ފާސްކޮށްފައިވަނީ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ފާހަގަކޮށް ވަކީލު ވިދާޅުވީ ބަލާ ފާސްކުރި އިރު ވީޑިއޯކޮށްފައި ނެތުމުންވެސް އެކަން ދޭހަވާ ކަމަށެެވެ.

ބަލާ ފާސްކުރުމަށް ކޯޓު އަމުރު ހޯދާފައިވަނީވެސް ދޮގު އިގުރާރެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުސްނުއްސުއޫދު ވަނީ ވިދާޅުވެފަ އެވެ. ނާޒިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޖަވާބު ދެމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ނާޒިމްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް މީގެ ކުރިންވެސް ޖަވާބު ދީފައިވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކާއި ގަރީނާތަކަށް ބަލައި ނާޒިމްގެ މައްޗަށް ހަނގުރާމވެރި ހަތިޔާރު އެތެރެކުރިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފަ އެވެ.

އާގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައިދިނުމަށް އެދުނު

އާގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައިދިނުމަށް ނާޒިމްގެ ފަރާތުން މިއަދު ހައިކޯޓުގައި އެދުނެވެ. އޭރުން ނާޒިމަށް ލިބޭ އަދަބު އެއް އަހަރުގެ ޖަލު ހުކުމަކަށް ކުޑަވެގެންދާނެ ކަންވެސް ނާޒިމްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ދައުލަތުގެ ވަކީލު ވިދާޅުވީ ނާޒިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ އާގާނޫނުލް އުގޫބާތައް އަމަލުކުރަން ފެށުމުގެ ކުރިން ކަމަށާއި އެހެންކަމުން އާގާނޫނުލް އުގޫބާތުގެ ދަށުން އަދަބު ކަނޑައެޅޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ އޭނާ ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު ކަމަށް ފުލުހުން ހެކިބަސްދީފައިވާތީ އެވެ.