27 Dec 2015, 17:31
ގދ.ވާދޫ ގައި މަސްހިފަން ގޮސް އުޅުނު ބަޔަކު ހޮވި ކުޑަ މާވަހަރު ލައްކައެއްހާ ރުފިޔާ އަށް ވިއްކާލުމަަށް ނިންމިފި އެވެ.
މިދިޔަ ނޮވެމްބަރު މަހު ވާދޫ ޖެޓީ ސަރަހައްދު 500 މީޓަރު ބޭރުން، 360 ގުރާމުގެ ކަޅު މާވަހަރު ހޮވާފައި ވަނީ، ގދ. ވާދޫ ސަނީސައިޑް، ޝަހީދު އަލީ އާއި ހިރުދުމާގެ، އަލީ އިދުރީސް އަދި ކ.ބޮޑު ހުރާ، ލަކީ ބީޗު، އިބްރާހިމް ނަސީމް އެވެ.
ސަން އަށް މައުލޫމާތު ދެމުން މާވަހަރު ހޮވި ތިން މީހުންގެ ތެރޭގައި ހިމެނޭ ޝަހީދު އަލީ ބުނީ، މާވަރުގެ ގުރާމެއް 22 ޑޮލަރުގެ ރޭޓުން ވިއްކަން ނިންމާފައިވާ ކަމަށެވެ.
އެ އަގުގައި މާވަހަރު ވިކިއްޖެ ނަމަ އެ މީހުން ހޮވި މާވަހަރުގެ އަގު 122،126 ރުފިޔާ އަށް އަރާނެއެވެ.
އޭނާ ބުނީ، އެ މާވަހަރު އެ އަގުގައި ވިއްކާލަން ނިންމާފައިވަނީ ލަންކާ ބަޔަކަށް ކަމަށެވެ.
"ލަންކާ ބަޔަކު އައިސް އޭގެއިން އެތިކޮޅެއް ލަންކާ އަށް ގެންގޮއްސަ ޓެސްޓު ކުރީ. ޓެސްޓު ކޮށްފައި އެއީ މާވަހަރެއްކަން ޔަގީން ވުމުން މި ހަފްތާ ތެރޭގައި މާވަހަރު ގަންނަން އަންނާނެ ކަމަށް އެ މީހުން ބުނި،" ޝަހީދު ބުންޏެވެ.
ޝަހީދު ބުނީ، މާވަހަރު ވިއްކާލުމަށް ފަހު ލިބޭ ލާރި ތިން މީހުންގެ މައްޗަށް ބެހުމަށް ނިންމާފައިވާ ކަމަށެވެ.
މި މަސްތެރޭގައި ށ. ކޮމަންޑޫ އިން ވަދާ އަޅަން ގޮސް އުޅުނު މީހަކު ވެސް ވަނީ 30 ކިލޯގެ މާވަހަރެއް ހޮވާފައެވެ. އެ މާވަހަރުގެ އަގު 17 މިލިއަނަށް އަރައެވެ.