ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި އެމްއެންޑީއެފްގެ ސާޖަންޓް މޫސާ ޒަމީރު ގޭބަންދަށް ބަދަލުކޮށްފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭނާ ގޭބަންދަށް ބަދަލުކުރީ މިމަހުގެ 19 ވަނަ ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ 15 ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން އެ މުއްދަތު ހަމަވުމުން އޭނާގެ ބަންދާމެދު އަދިވެސް ކްރިމިނަލް ކޯޓަށް ގޮތްނިންމޭނެއެވެ.

އެކަމާ ގުޅޭއިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މޫސާ ރަމީޒު ގޭބަންދަށް ބަދަލުކުރިނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒާއި އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް އަހްމަދު ތިހާމް އަދިވެސް ހުރީ ބަންދުގައެވެ.

ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އެ ދެ މީހުން 15 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށެވެ.

އެމީހުންނާ ގުޅޭގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައިގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.