28 Dec 2015, 12:37
ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ކައުންޓަރަކުން ލިއްބައިދޭ ގޮތަށް ދިރާގުން އެ ކުންފުނީގެ ކަސްޓަމާ ސާވިސް ހިދުމަތް ފުޅާކޮށްފި އެވެ.
ދިރާގުން ވަނީ އެކުންފުނިން މެދުޒިޔާރަތްމަގުގައި ހިންގަމުން އައި ކަސްޓަމާ ފްރަންޓް އޮފީސް މިމަހު ހައެއްގައި، އަމީނީމަގުގައި ހުންނަ އެ ކުންފުނީގެ ހެޑް އޮފީހަށް ބަދަލުކޮށްފަ އެވެ. އެ ބަދަލާ އެކު ކަސްޓަމާ ސާވިސް ހިދުމަތަށް އިތުރު ކުރިއެރުންތައް ގެނެސްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލް ވިދާޅުވީ، ދިރާގު ހެޑް އޮފީހުގެ "މެތަނިން" ފަންގިފިލާގައި ގާއިމްކޮށްފައިވާ ކަސްޓަމާ ފްރަންޓް އޮފީހުގައި ހިމެނޭ ހުރިހާ ކައުންޓަރަކުން ވެސް ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ.
"މިސާލަކަށް ކުރިން މިޖެހެނީ ބިލް ދައްކަން ވަކި ކައުންޓަރަކަށް، ސިމް ނަގަން ވަކި ކައުންޓަރަކަށް، މައުލޫމާތެއް ސާފުކުރަން ވިޔަސް ވަކި ކައުންޓަރަކަށް ދާން. ނަމަވެސް ހެޑް އޮފީހުގައި ކަސްޓަމާ ސާވިސް ހިދުމަތް ދޭން ފެށުމާ އެކު ކަސްޓަމަރުން ބޭނުންވާ ކޮންމެ ހިދުމަތެއް ވެސް އެންމެ ކައުންޓަރަކުން ލިބޭނެ،" އިމްޖާދު ވިދާޅުވި އެވެ.
އެގޮތުން ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވިފައިހުންނަ ކޮންމެ ވަގުތެއްގައި ވެސް، އެ ސެންޓަރުގެ ކޮންމެ ކައުންޓަރެއް ވެސް މަލްޓިޕާޕަސް ކައުންޓަރުތަކެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށާއި ހިދުމަތް ހޯދަންދާ ފަރާތްތަކަށް އެއް ކައުޓަރަކުން، އެއް ޓޯކަންއެއް ބޭނުންކޮށްގެން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ ދިވެހި ކުންފުންޏަކުން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް އެއް ކައުންޓަރަކުން ފޯރުކޮށްދިނުން ވެގެންދާނީ، ރާއްޖޭގައި އެފަދައިން ހިދުމަތް ދޭ ފުރަތަމަ ފަހަރަށް ކަމަށެވެ. އަދި އެއީ ދިރާގު ކަސްޓަމަ ފްރަންޓު އޮފީހުން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށާއި އެ އުސޫލުން ހިދުމަތް ފޯރުކޮށްދިނުން ވެގެންދާނީ ކަސްޓަމަރުންގެ ވަގުތު ސަލާމަތްވެ އަވަސް ހިދުމަތެއް ލިބިގެންދާނެ ބަދަލަކަށް ކަމަށެވެ.
"ކަސްޓަމާ ސާވިސް ވަރުގަދަކުރުމަށް ދިރާގުގެ މުއައްޒަފުންނަށް ދެމުން ގެންދާ ތަމްރީންތައް ބިނާކުރެވިފައި ވަނީ، ޓެކްނޮލޮޖީ އާއި ކަސްޓަމަރުންގެ ބޭނުންތަކާއި ވިޔަފާރީގެ އުސޫލުތަކަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ހިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރުމުގެ މައްޗަށް،" އިމްޖާދު ވިދާޅުވި އެވެ.
ދިރާގު ހެޑް އޮފީހުގެ މެތަނިން ފަންގިފިލާގައި ގާއިމުކޮށްފައިވާ ކަސްޓަމާ ފްރަންޓް އޮފީހުގެ އިތުރުން، 1 ވަނަ ފަންގިފިލާގައި ވަނީ އެލީޓް ލައުންޖެއް ގާއިމްކޮށްފަ އެވެ. އިމްޖާދު ވިދާޅުވީ އެއީ ދިރާގުގެ އެލީޓް ކަސްޓަމަރުންނަށް ކިޔުގައި މަޑުނުކޮށް، އެންމެ ފުރިހަމަ ހިދުމަތް ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާ ލައުންޖެއް ކަމަށެވެ.
"މި ލައުންޖަށް އެކަސްޓަމަރެއްގެ އެލީޓްކާޑު ހިއްޕަވައިގެން ވަޑައިގަތުމުން، ނަންބަރެއް ނުނަގައި، ކިޔުގައި މަޑުނުކޮށް، ދިރާގުގެ ހުރިހާ ހިދުމަތެއް ލިބިވަޑައިގަންނަވާނެ،" އިމްޖާދު ވިދާޅުވި އެވެ.