27 Dec 2015, 15:26
ބެއިޖިން (ޑިސެމްބަރ 27): ޗައިނާގެ ކޮންމެ ދެމަފިރިއަކަށް ވެސް ބޭނުން ނަމަ ދެކުދިން ހޯދޭ ގޮތަށް އެ ގައުމުގެ ގާނޫނު ހަދާ ކޮމިޓީ އިން މިއަދު ގާނޫނެއް ފާސްކޮށްފި އެވެ.
އެގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ޗައިނާގެ ނޫސްއޭޖެންސީތަކުން ބުނެ އެވެ.
ޗައިނާގެ "ވަން ޗައިލްޑް ޕޮލިސީ"އަށް ބަދަލުގެންނަކަން އެންމެ ފުރަތަމަ އިއުލާންކުރީ މިއަހަރުގެ އޮކްޓޯބަރު މަހު ވެރިކަން ކުރާ ކޮމިއުނިސްޓު ޕާޓީންނެވެ.
ގައުމުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ޗައިނާ އަށް ވަން ޗައިލްޑް ޕޮލިސީ ތައާރަފު ކުރީ 1970ގެ އަހަރުތަކުގަ އެވެ. އެ ގަވައިދާ ޚިލާފުވާ ފަރާތްތަކަށްދޭ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ދަރި ވައްޓާލަން މަޖުބޫރު ކުރުން ފަދަ އަދަބުތައް ހިމެނެ އެވެ.
ޗައިނާއިން ބުނާ ގޮތުގައި އެ ސިޔާސަތަށް އަމަލު ކުރުމުން އެގައުމުގެ އިގްތިސާދު ވަރުގަދަވެ، 400 މިލިއަން ކުދިން އުފަންވުން ހުއްޓުވިފައިވެ އެވެ. ނަމަވެސް، މިހާރު އެ ސިޔާސަތު ބަދަލުކުރަން ޖެހިފައި ވަނީ ޗައިނާގެ އާބާދީގައި ދުވަސްވެފައިވާ މީހުން ގިނަވުމުންނާއި، މަސައްކަތް ކުރާ އަބާދީ ކުޑަ ވުމުގެ ސަބަބުންނެވެ. (އޭއެފްޕީ)