27 Dec 2015, 14:44
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ ގާއިމްކޮށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ކައުންސިލް އުފެއްދުމުގެ މަސައްކަތްކުރިއަށް އޮތް ދެމަސްތެެރޭ ނިންމާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅުވައިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ދިމާވެދާނެ ކާރިސާތަކުން އާންމުންނާއި މުދާ ހިމާޔަތް ކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ އުސޫލުތަކެއް އުކުލަވާލުމުގެ ސަބަބުން ގާނޫނީ އިމުގެ ތެރެއިން މޫސުމަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަަމަށެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި ގިނަ މަސްއޫލިއްޔަތުތަކަކާ އެކު "ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ" އެއް އުފެއްދުމާ ގުޅޭގޮތުން ކާރިސާއާ ބެހޭ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް ތަސްދީގު ކުރައްވާފައިވަނީ ސެޕްޓެމްބަރު މަހުގައެވެ.
އޮތޯރިޓީ އުފެދުމާ އެކު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު އުވާލައި އެތަނުގެ އެންމެހާ މުދަލާއި ވަސީލަތްތަކާއި މުވައްޒަފުންނާ އެފަރާތްތަކުގެ އެންމެހާ ހައްގުތަކާއި އިލްތިޒާމުތައް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީއަށް ބަދަލުވާނެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ކައުންސިލް ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ހުރިހާ ވަޒީރުން ހިމެނި ވަޑައިންނަވާ ކައުންސިލެކެވެ.
އެ ކައުންސިލުގެ މަގުސަދަކީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމާއި ތައްޔާރުވެ ތިބުމާއި ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާތަކުން އިޔާދަވުމާ ބެހޭ ނިންމުންތައް ނިންމާއި ގައުމީ ސިޔާސަތުތައް ކަނޑައެޅުމެވެ.