ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލުމަށްޓަކައި ސްރީލަންކާގެ ސުނައިޕަރު ޝޫޓަރަކު ރާއްޖެ ގެނައި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ "ސްނައިޕަރު މައްސަލާގައި" ތިން ދިވެއްސަކު މިމަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހައްޔަރުކުރި މީހުންނާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އިސްމާއީލް ވިދާޅުވީ އެ ތިން މީހުންގެ ބަންދަށް ހަމައެދުވަހު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް އިން ނެރުނު ބަޔާނެއްގައި ވަނީ އުމުރުން 27 އަހަރުގެ ސްރީލަންކާގެ ސުނައިޕަރު ޝޫޓަރު ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ކަމަށެވެ.

އެމީހާ ރާއްޖެ ގެނެސްފައި ވަނީ ދިވެހީންގެ ބަޔަކު ފައިސާދީގެން އޭނަ ލައްވައި ރައީސް ޔާމީން އަވަހާރަކޮށްލަން ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ. ނަމަވެސް އޭނާއަށް ފައިސާ ދިނީ ކޮންބައެއް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

"މިމައްސަލާގައި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ޝްރީލަންކާގެ އެ މީހާ ރާއްޖެ ގެނެސްފައިވަނީ އެމީހާއަށް ދިވެހިންގެ ބަޔަކު ފައިސާދީގެންކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި އެމީހާއި ޙަވާލުކޮށްފައި ވަނީ ހަތިޔާރު ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަވަހާރަކޮށްލުމުގެ މަސައްކަތްކަންވެސް ތަހުގީގަށް ވަނީ އެނގިފައެވެ،" މޯލްޑިވްސް ޕޮލިސް ސާވިސްގެ ބަޔާނުގައި ވެއެވެ.