ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމުގެ މުއްދަތު 10 ދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދީފިއެވެ.

ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ ނާޒިމް ރާއްޖެއިން ބޭރުގައި ހުންނެވުމަށް އެ ސާވިސް އިން ކުރިންދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އޭނާގެ ފަރާތުން މެޑިކަލް ލިޔުންތައް ހުށަހެޅި ކަމަށެވެ.

"އެހެންކަމުން ކަރެކްޝަނަލް ސާވިސް އިން ވަނީ އަހްމަދު ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކޮށްދީފައި،" އޮފިޝަލް ވިދާޅުވިއެވެ.

ބޭސްފަރުވާއަށް ސިންގަޕޫރަށް ނާޒިމް ފުރާވަޑައިގަތީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ސިންގަޕޫރަށް އޭނާ ވަޑައިގަތީ 15 ދުވަހުގެ މުއްދަތަކަށެވެ.

އެހެންކަމުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށް ނާޒިމަށް ދީފައިވާ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ނާޒިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ މަހަކަށްވުރެ ގިނަ ދުވަހު އައިޖީއެމްޗުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދެވުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ނާޒިމް އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ އެޓޯލްސް މިނިސްޓްރީ އަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީ އިން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓް ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.