ބެއިރޫތު (ޑިސެމްބަރ 27): އެމެރިކާއާއި ރަޝިއާއިން ދޭ ހަމަލާތަކުން އައިއެސްގެ ބާރު ކުޑަ ނުވާ ކަމަށް އައިއެސްއިން އެންމެ ފަހުން އާއްމުކޮށްފައިވާ ރިކޯޑިންއެއްގައި އެޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީ ބުނެފި އެވެ.

އައިއެސް އިން އެ މެސެޖު އިއްޔެ އާއްމުކޮށްފައި ވަނީ އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސައުދި އަރަބިއާ އިން އިސްލާމިކް ކޯލިޝަންއެއް އިއުލާންކޮށްފައި ވަނިކޮށެވެ. އަދި ރަޝިޔާއާއި އެމެރިކާއިން އައިއެސް އާ ދެކޮޅަށް ސީރިޔާގައި ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ބަޣުދާދީ ބުނީ އައިއެސްއާ ދެކޮޅަށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން އެޖަމާއަތުގެ އަޒުމު ވަނީ އިތުރަށް ވަރުގަދަ ކަމަށާއި، ހަނގުރާމަ ހޫނުވާ ވަރަކަށް ހަނގުރާމައިގެ "ސާފުކަން" އިތުރުވާނެ ކަމަށެވެ.

ސައުވީސް މިނިޓުގެ އެ ރިކޯޑިންގައި ބަޣުދާދީ ވަނީ ސައުދީ އަރަބިއާ އިން އިއުލާންކުރި 34 ގައުމު ބައިވެރިވާ ކޯލިޝަންއަށް ފާޑުކިޔާފަ އެވެ. އަދި ސައުދީ އަރަބިއާގެ ރައްޔިތުން "ސީރިޔާއާއި އިރާގާއި ޔަމަނުގައި ތިބި ރައްޔިތުންނަށްޓަކައި ސައުދީ ސަރުކާރާ ދެކޮޅަށް ތެދުވުމަށް" އޭނާ ގޮވާލި އެވެ.

މީގެ އިތުރުން ބަޣުދާދީ ވަނީ އައިއެސް އިން "އެންމެ ހިނދުކޮޅަކަށްވެސް ފަލަސްތީނު ހަނދާންނައްތާނުލާ ކަމަށާއި" ފަލަސްތީނުގައި ހިނގަމުންދާ ކަންތައްތަކުގެ ބަދަލުގައި އިސްރާއީލަށް ވަރަށް އަވަހަށް ހަމަލާދޭނެ ކަމަށް ވައުދުވެފައި އެވެ. (ނޫސްއޭޖެންސީތައް)