27 Dec 2015, 15:31
ބޮލީވުޑްގެ ސުޕާ ސުޓާ ސަލްމާން ހާން އަށް މިއަދު 50 އަހަރު ފުރުނު ނަމަވެސް އަދި ވެސް ކުރެވެނީ 27 އަހަރު ފުރުނު ކަމުގެ އިހުސާސް ކަމަށް ސަލްމާން ބުނެފި އެވެ.
"އަހަންނަށް މިއަދު މި ފުރުނީ 27 އަހަރު. އަހަންނަށް ހީވަނީ 27 އަހަރަކީ އެންމެ ރަނގަޅު އުމުރު. އެއީ އަހަންނަށް އަބަދުވެސް އެންމެ ކަމުދާ އުމުރު"، ސަލްމާން ބުންޏެވެ.
ސަލްމާން ބުނީ، އުމުރުން ދުވަސްވާތީ އޭނާ އެއްވެސް ހާހެއް ނުވާކަމަށެވެ.
"ކޮން ކަމަކާ ބިރު ގަންނަންވީ. އުމުރުން ދުވަސްވުމަކީ ވެސް އަހަރެންގެ ހަޔާތުގެ އެއް ބައި"، ސަލްމާން ބުންޏެވެ.
ސަލްމާންގެ އުމުރުން 50 އަހަރު ފުރުނު ނަމަވެސް މިހާތަނަށް އެއްވެސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ސަލްމާން ވަނީ ދިގު މުއްދަތުތަކެއް ވަންދެން ލޯބީގެ ގޮތުން ބައެއް މީހުންނާ ގުޅިގެން އުޅެފަ އެވެ. އެގޮތުން ސަލްމާން ވަނީ ބޮލީވުޑްގެ ތަރި އަދި ރީތީގެ ރާނީ އައިޝްވަރިޔާ އާއި ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ.
އެއަށް ފަހު ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފްއާ ވެސް ސަލްމާން ވަނީ ދިގު މުއްދަތެއް ވަންދެން ލޯބީގެ ގޮތުން ގުޅިފަ އެވެ. އެހެންނަމަވެސް އެއްވެސް ގުޅުމެއް ކައިވެންޏާ ހަމައަށް ގޮސްފައެއް ނުވެ އެވެ.
މީޑިއާތަކުގައި މިހާރު އެންމެ ހަލުވުކަމާ އެކު ފެތުރޭ އެއް ހަބަރަކީ ރޯމޭނިއާގެ ޓީވީ ޕުރެޒެންޓަރު އަދި މޮޑެލް ލޫލިއާ ވަންތޫރު އާއި ސަލްމާން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ ހަބަރެވެ. އެ ދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ވެސް މީޑިއާތަކުން ކުރެ އެވެ.
އެހެންނަމަވެސް ސަލްމާން އާއި ލޫލިއާ، އެކަމާ މެދު އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.
ސަލްމާންގެ އުމުރުން 50 އަހަރު ފުރުނު އިރު އޭނާ ވަނީ ކާމިޔަބު ގިނަ ފިލްމެއް ކުޅެފަ އެވެ. އަދި އޭނާ އަކީ ބޮލީވުޑްގައި ހުރި އެންމެ އަގު ބޮޑު ތަރިއެވެ.
ސަލްމާން މިހާތަނަށް ކުޅެފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި، ބީވީ ނަންބަރު 1، ހަމް ސާތުސާތު ހޭ، އެކްތަ ޓައިގާ، ބޮޑީ ގާޑު، ބަޖްރަންގީ ބައިޖާން، ކިކް، ޕްރޭމް ރަތަން ދަން ޕާޔޯ ދަފަ ފިލްމުތައް ހިމެނެ އެވެ.