27 Dec 2015, 13:54
ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދު އޮޕަރޭޝަން ކުރުމަށް ރާއްޖެ އިން ބޭރަށް ނުގެންދަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސަވިސް އިން ދޮގުކޮށްފި އެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު ސަން އަށް ވިދާޅުވީ އެވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެފަދަ ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.
ނަޝީދަށް މިހާރު ވެސް ރާއްޖޭގެ އެންމެ ބޮޑު ދެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި، ދެ ހޮސްޕިޓަލުން ވެސް އެމަނިކުފާނު ބެއްލެވި ޑޮކްޓަރުން ނަޝީދު އޮޕަރޭޝަން ކުރުމަށް ބޭރަށް ފޮނުވަން ލަފާދެއްވާފައި ނުވާ ކަމަށް ރަމީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދު އޮޕަރޭޝަން ކުރުމަށް ބޭރަށް ގެންދިއުމާ ގުޅޭ ގޮތުން އަދި އެއްވެސް ވާހަކައެއް ވެސް ދެކެވިފައި ނުވާ ކަމަށެވެ.
"އަޅުގަނޑުމެން ރައީސް ނަޝީދާ ގުޅިގެން އެކަހަލަ އެއްވެސް ކަމެއް ނުނިންމަން. ފޮނުވާކަށް ވެސް ނުފޮނުވާކަށް ވެސް. އަޅުގަނޑުމެންގެ ގާނޫނު ބުނާގޮތުން ބޭރަށް ފޮނުވުމުގެ ވާހަކަ ދެއްކޭނީވެސް ޑޮކްޓަރަކު އެއީ މިކޮޅުން ނުކުރެވޭނެ ފަރުވާއެއް ކަމަށް ބުނާ ހިސާބުން،" އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރުން އެއީ ރާއްޖެއިން ނުކުރެވޭނެ ކަމަށް ބުނާ އޮޕަރޭޝަނެއް ކަމުގައި ބުނެފި ނަމަ ދެން އެކަމަށް ގޮތެއް ނިންމާނީ އެމްސީއެސްގައި އޮންނަ މެޑިކަލް ބޯޑުން ކަމަށާއި އެ ބޯޑަށް ނަޝީދުގެ މައްސަލަ ހުށަހެޅިފައި ނުވާ ކަމަށް ރަމީޒް ވިދާޅުވި އެވެ.
"އަދި ބޯޑާ ހަމައަށް އެ މައްސަލަ ނާންނަނީސް އަޅުގަނޑުމެންނަކަށް ނުނިންމޭނެ ފޮނުވާކަށް ވެސް ނުފޮނުވާކަށް ވެސް،" ރަމީޒް ވިދާޅުވި އެވެ.
ނަޝީދުގެ އާލާސްކަންފުޅާ ގުޅިގެން އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައި ވަނީ އެމަނިކުފާނަށް މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށާއި، އެ އޮޕަރޭޝަން ރާއްޖެ އިން ކުރެވެން ނެތް ކަމަށެވެ. އޭގެ އިތުރުން ބޭނުންވާ ފަރުވާ މިހާރުން މިހާރަށް ނުދެވިއްޖެ ނަމަ އެމަނިކުފާނުގެ ހާލަތު ވަރަށް ގޯސްވެދާނެ ކަމަށް ނަޝީދުގެ ވަކީލެއް ކަމަށްވާ ޖެރެޑް ޖެންސަ ވެސް ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ނަޝީދަށް ޑޮކްޓަރުން ލަަފާދީފައި ވަނީ 'އެލް4-5 މައިކްރޯ ޑައިސެކްޓަމީ' އޮޕަރޭޝަނެއް ކުރުމަށް ކަމަށާއި އެ އޮޕަރޭޝަން ރާއްޖެ އިން ކުރެވޭނެ ކަމަށެވެ. ނަމަވެސް ދެވަނަ ޑޮކްޓަރެއްގެ ލަފާއެއް ހޯދާނެ ކަމަށް ވެސް އުމަރު ވިދާޅުވެފައިވެ އެވެ.
އެކަމާ ގުޅިގެން ނަޝީދުގެ ވަކީލުން ވިދާޅުވީ ހުއްދަ ނެތި އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅޭ މައުލޫމާތު ސަރުކާރުގެ ފަރާތުން ހާމަ ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ.
އިއްޔެވެސް ރައީސް ނަޝީދު ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް އޭޑީކޭ އަށް ގެންގޮސްފައިވާ އިރު މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ވެސް ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދީފަ އެވެ.