27 Dec 2015, 13:48
އާލާތަތައް އުފެއްދުމާއި ބޭނުން ކުރުމުގެ ކުޅަދާނަކަން ލިބިގެން ވަނީ ހަމައެކަނި އިންސާނުންނަށް ކަމަށް ހީވާނަމަ އެއީ ކުށް ހީއެކެވެ. އެކަމަކީ ކާޅު ފަދަ އާދައިގެ ދޫންޏަކަށް ވެސް ކުޅަދާނަ ވެގެންވާ ކަމެކެވެ.
އިކޮލޮޖިސްޓުން ކަމަށްވާ ކުރިސްޓިއަން ރުޓްޒް އަދި ޖޮލްޔޮން ޓްރޮސިއަންކާ ވަނީ ކުދި ކުދި ސްޕައި ކެމެރާތަކެއް ބޭނުންކޮށްގެން ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ ނިއު ކެލިޑޯނިއާގައި ދިރިއުޅޭ ކާޅުތަކުގެ އާދަޔާ ހިލާފު އުޅުން ރިކޯޑުކޮށްފަ އެވެ.
އެ ރިކޯޑިންތަކުން ފެނިގެންދަނީ އެރަށުގެ ޖަންގަލީގައި ދިރިއުޅޭ ކާޅުތައް ކާނާ ހޯދުމަށް އާލާތެއް ބޭނުންކުރާ މަންޒަރެވެ. އެގޮތުން ގަސްގަހުގެ ގޮފިތަކުގައި ހުންނަ ކުދި ލޯވަޅުތަކުގައި ދިރިއުޅޭ ފަނިފަކުސާތައް ނެގުމަށް ކާޅުތައް ބުޅިއެއްގެ ބައްޓަމަށް އޮންނަ އާލާތެއް ބޭނުން ކުރެއެވެ.
އެ އާލާތަކީ ކުޑަކުޑަ ދަނޑި ކޮޅެއް ފަދަ އެއްޗަކުން އޭތި ތައްޔާރު ކުރާ އާލާތެކެވެ. ބުޅިއެއްގެ ބައްޓަމަށް އެ ދަނޑިކޮޅު ހަދަނީ ވެސް ކާޅު އަމިއްލައަށެވެ.
ކާޅުތަކުގެ އެ އާދަޔާ ހިލާފު ކުޅަދާނަ ކަމާމެދު ރުޓްޒް ވަނީ ސުވާލު އުފައްދާފަ އެވެ.
"ބައެއް މީހުން ހީކުރާނެ އާލާތައް ބޭނުން ކުރުމަށް ވިސްނުން ތޫނު ވާން ޖެހޭނެޔޭ. އެކަމަކު މި ކާޅުތައް އެކަން ދޮގު ކުރޭ. އެ ދޫނިތައް އާލާތްތައް ބޭނުންކޮށްގެން މަސައްކަތް އެ ކުރަނީ. އެކަމަކު އުފެދޭ ސުވާލަކީ އެއީ ކީއްވެ، ކިހިނެއް ކުރާ ކަމެއްކަން.؟ އެއީ ހަމައެކަނި މި ރަށުގައި ދިރއުޅޭ ކާޅުތަކަށް ލިބިގެންވާ ކުޅަދާނަކަމެއްތަ؟"، ރުޓްޒް ބުންޏެވެ.
ނިއު ކެލިޑޯނިއާގައި ދިރިއުޅޭ ކާޅުތަކުގެ އާދަޔާ ހިލާފު އުޅުން ރިކޯޑު ކުރުމަށް ރުޓްޒް އާއި ޖޮލްޔޮން ބޭނުންކުރި 19 ކެމެރާތަކުގެ ތެރެއިން އެމީހުންނަށް އަތުޖެހުނީ 10 ކެމެރާ އެވެ.
އެ 10 ކެމެރާގެ ތެރެއިން ކާނާ ހޯދުމަށް އާލާތް ބޭނުން ކުރި މަންޒަރު ރިކޯޑު ކުރެވުނީ ހަތަރު ކާޅެއްގެ އެވެ. ރުޓްޒް ވަނީ އެކަމާމެދު ވެސް ސުވާލު އުފައްދައިފަ އެވެ.
"މިފަދަ ގޮތަކަށް ނަތީޖާ މި ލިބުނީ، އެހެން ކާޅުތައް އާލާތް ބޭނުން ކުރި އިރު ކެމެރާތަކަށް ރިކޯޑު ނުކުރެވުނީ މަތަ؟ ނޫނީ މިރަށުގައި ދިރިއުޅޭ ކާޅުތަކުގެ ތެރެއިން ބައެއް ކާޅުތައް ކާނާ ހޯދުމަށް އެއްގޮތަކަށް ވެސް އާލާތް ބޭނުން ނުކުރަނީތަ؟"، ރުޓްޒް ބުންޏެވެ.
ކޮންމެ އަކަސް މިއީ ކާޅުތައް ކާނާ ހޯދުމަށް އާލާތް ބޭނުންކުރާ މަންޒަރު ރިކޯޑު ކުރެވުނު ފުރަތަމަ ފަހަރެވެ. އެ ފަދަ ކަމެއްް ކާޅު ފަދަ އާދައިގެ ދޫންޏެއްގެ ފަރާތުން ފެނުނުއިރު، އެއީ އިންސާނުންގެ ފަރާތުން އެ ދޫނިތައް ދަސްކުރި ކަމަކަށް ވެދާނެ ބާއެވެ؟