27 Dec 2015, 12:54
ބަޣުދާދު (ޑިސެމްބަރ 27): ސާޅީހަށް ވުރެ ގިނަ އަހަރަށްފަހު އިރާގުގައި ފުރަތަމަ ފަހަރަށް ހޮވި ރީތީގެ ރާނީ، ޝައިމާ ގާސިމް އަބްދުއްރަހްމާން އައިއެސްއާ ބައިވެރިނުވެއްޖެނަމަ ރަހީނުކުރާނެ ކަމަށް ބުނެ އެޖަމާއަތުން އިންޒާރުދީފި އެވެ.
ޝައިމާ އަބްދުއްރަހްމާން އަށް މިސް އިރާގުގެ ލަގަބު ދީފައިވަނީ މިދިޔަ ހަފްތާގައި އިރާގުގެ ވެރިރަށް ބަޣުދާދުގައި އޮތް ރަސްމިއްޔާތެއްގައި އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ޝައިމާއަށް އައިއެސް އިން އިންޒާރުދީފައިވަނީ ފޯނުގެ ޒަރިއްޔާއިންނެވެ. ގުޅި މީހާ ބުނެފައި ވަނީ އެމީހާ އަކީ އައިއެސް މެމްބަރެއް ކަމަށާއި އެޖަމާއަތާ ބައިވެރިނުވެއްޖެނަމަ ޝައިމާ ރަހީނުކޮށް އަނިޔާ ކުރާނެ ކަމަށެވެ.
ނަމަވެސް ޝައިމާ ވަނީ އެ ފަދަ އިންޒާރުތައް ލިބުނު ނަމަވެސް އޭނާ "ދާނީ ކުރިޔަށް" ކަމަށް ބުނެފައި އެވެ.
"އިރާގް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަށްވެސް ހައްގުތައް ލިބިގެންވާ ކަން އަޅުގަނޑު ސާބިތު ކޮށްދޭން ބޭނުން. އަޅުގަނޑު ކުރާ ކަންތައްތަކަކީ ގޯސް ކަންތައްތައް ނޫންކަން އިނގޭތީ އަޅުގަނޑު އެއްވެސް ކަމަކާ ބިރެއްނުގަނޭ،" ޝައިމާ ބުނެފައިވެ އެވެ.
އިރާގުގައި 1972ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ރީތީގެ ރާނީ ހޮވުމުގެ މުބާރާތަށް އެގައުމުގެ ގިނަ ބަޔެއްގެ ފާޑު ކިޔުންތައް އަމާޒުވި އެވެ. އެ މުބާރާތުގައި ބައިވެރިވާން 200 ވަރަކަށް އަންހެނުން ނަންދީފައިވީ ނަމަވެސް މުބާރާތުގައި ބައިވެރިވީ 10 ވަރަކަށް އަންހެނުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
(ނޫސްއޭޖެންސީތައް)