މިހަފްތާގެ ތެރޭގައި މެދުތެރެއާ އުތުރުގެ އަތޮޅުތަކަށް ބާރަށް ވައިޖެހޭނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރު ކުރުމުގައި ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން އިލްތިމާސްކޮށްފި އެވެ.

މެޓު އޮފީހުން މިއަދު ބުނެފައި ވަނީ މިހަފްތާގެ މެދުތެރޭގައި އެ ސަރަހައްދުގެ އަޮޅުތަކަށް ވައިޖެހޭ މިންވަރު ހުންނާނީ ގަޑިއަކު 15 މޭލާއި 25 މޭލު ދެމެދުގެ ބާރު މިނެއްގައި ކަމަށެވެ. އެގޮތުން ވައި ޖެހޭނީ އިރު އުތުރުން ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ. އެހެން ކަމުން އެ ސަރަހައްދުގެ ކަނޑުތައް ވެސް އާންމުގޮތެއްގައި ގަދަ ވާނެ އެވެ.

މެޓު އޮފީހުން ބުނެފައި ވަނީ އުތުރުގެ އަތޮޅުތަކުގެ ކަނޑު ގަދަވަނީ ރާއްޖޭގެ މޫސުން ބަދަލުވެގެން ދިޔުމާ ގުޅިގެން ކަމަށެވެ.

އެގޮތުން ހުޅަނގު މޫސުމުން އިރުވައި މޫސުމަށް މިހާރު ބަދަލުވެފައިވާ ކަމަށް ވަނީ މެޓް އޮފީހުން ބުނެފަ އެވެ. އިރުވާ މޫސުން ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އެގޮތަށް މޫސުން ބަދަލުވާ އިރު ވައިގަދަ ވުމަކީ ކޮންމެ އަހަރެއްގައި ވެސް ވަމުން އަންނަ ކަމެއް ކަމަށް މެޓު އޮފީހުން ވަނީ ބުނެފަ އެވެ.