ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމްކޮށް ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލަ، ދެ ވަކީލަކު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އިސްމާއިލް ވިޝާމާއި އަނަސް އަބްދުއްސައްތާރު ކޯޓަށް ވެއްދި މައްސަލައާ ބެހޭ ގޮތުން ވިޝާމް ވިދާޅުވީ މާލޭގައި މެޖިސްޓްރޭޓް ހެދުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ. ވަކީލު ވިދާޅުވީ ސުޕީރިއާ ކޯޓުތައް ފުރިހަމައަށް އެރަށެއްގައި ގާއިމްވެފައިވާ ނަމަ ނުވަތަ ސުޕީރިއާ ކޯޓުތަކުގެ ޑިވިޝަންތައް އެރަށެއްގައި ހަމަވެފައިވާ ނަމަ އެ ރަށެއްގައި މެޖިސްޓްރޭޓް ކޯޓެއް ނުހެދޭނެ ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މާލޭގައި ސުޕީރިއާ ހަތަރު ކޯޓު ވެސް ގާއިމްވެފައިވާއިރު މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމްކޮށް ވިލިމާލޭގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރުމަށް ޖޭއެސްސީން ނިންމީ ގާނޫނާ ހިލާފަށް ވިޝާމް ވިދާޅުވި އެވެ.

"އެއީ ހަމައެކަނި އެންމެ ނުކުތާއެއް މާލޭގައި މެޖިސްޓްރޭޓް ކޯޓު ނުހެދޭނެ ކަމުގެ. އެކަހަލަ ކިތަންމެ ނުކުތާއެއް އެބަ ހުރި. އަޅުގަނޑުމެން ދައުވާގައި މިކަހަލަ ދެ ތިން ނުކުތާ ފާހަގަކޮށްފައި އޮންނާނީ،" ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާ އެއްކޮށް ވެސް މަސައްކަތް ކުރެއްވި ވަކީލު ވިދާޅުވި އެވެ.
މީގެ އިތުރުން ވިޝާމް ވިދާޅުވީ އެ މައްސަލަ މިހާރު ސިވިލް ކޯޓުން ބަލައިގެންފައިވާ ކަމަށާއި މައްސަލައަށް ދައްކަންޖެހޭ ފީ ވެސް ދައްކާފައިވާ ކަމަށެވެ.

ކޯޓުތަކުގެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ހުޅުމާލޭގައި ހިންގަމުން ދިޔަ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ވަނީ ހުއްޓާލައިފަ އެވެ. ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯޓު އިތުރަށް ހިންގިދާނެތޯ އެއިރު ގާނޫނީ މާހިރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އެކަމަކު މިދިޔަ މާޗް 24 ގައި ޖޭއެސްސީން ނިންމާފައި ވަނީ ހުޅުމާލޭގެ ކޯޓު މެޖިސްޓްރޭޓް ކޯޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

ކޯޓުތަކުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައި ވަނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓާއި ޖުވެނައިލް ކޯޓަކީ މާލޭގައި ގާއިމް ކުރާ ހަތަރު ސުޕީރިއާ ކޯޓު ކަމަށެވެ. އަދި އެ މާއްދާގެ ބ. ގައި ބަޔާންކޮށްފައި ސުޕީރިއާ ކޯޓުތަކުގެ ހަތަރު ޑިވިޝަން ރަށެއްގައި ހަމަވެއްޖެ ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެ ކަމަށެވެ.