ދިވެހިންނަށް ގެއްލުންދޭ ދިވެހީންތަކެއް، މުޖުތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށާއި ރާއްޖެއަށް ސުނާމީ އެރި ދުވަސްވަރު އެމީހުންގެ މަސައްކަތްތަކަށް އާރޯކަމެއް ލިބިގެން ދިޔަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ސުނާމީ ކާރިސާއަށް 11 އަހަރު ފުރުމުގެ ގޮތުން ބާއްވާ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހީންގެ ކިބައިން އެކުވެރިކަމާއި އެއްބައިވަންތަ ކަން ފެނިގެން ދިޔަ ކަމުގައިވި ނަމަވެސް މަދު ބައެއް ދިޔައީ އެ އެކުވެރިކަމާއި އެއްބައިވަންތަ ނައްތާލުމަށް ކަމަށެވެ.

ދިވެހީންނަށް ގެއްލުން ދިނުމަށް އުޅޭ މީހުންނަކީ ސުނާމީ ކާރިސާގެ ތެރެއިން އުފެދިގެން އައި ބަޔަކަށް ނުވި ކަމުގައި ވިޔަސް އެ ކާރިސާގެ ތެރެއިން އެމީހުންގެ މަސައްކަތްތައް ވަރުގަދަވެ، އެފަދަ މީހުންގެ އަދަދު އިތުރުވެގެން ދިޔަ ކަމަށް އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

"ސުނާމީގެ މޫހިރުން ސިއްރު ސިއްރުން ގޮނޑުދޮށަށް ބީއްސާލި ލާދީނީ ނުފޫޒުތަކަށް ފެންބޮވައިގަނެފައިވާ މަދު ދިވެހިން ކޮޅެއް އަޅުގަނޑުމެންގެ ތެރޭގައި އުޅެމުންދިޔަ ކަން ވަނީ އެ ދުވަސްވަރު ހާމަވެގެން ގޮސްފައި،" އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ފަރާތްތަކުން މަސައްކަތް ކުރަމުން ދަނީ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އަހުވަންތަ ކަން ނައްތާލުމަށެވެ. އާއިލާތަކުގެ މެދުގައި ހަމަނުޖެހުން ފެތުރުމުގެ އިތުރުން ދީނީ ގޮތުން ބަލިކަށި ކުރުމަކީ އެމީހުންގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެފަދަ މީހުންނަކީ އެމީހުންގެ މުށުތެރެއިން ނޫން އެހެން ގޮތަކަށް ޒައްރެއްގެ މިންވަރު ވެސް މަންފާ ލިބުމަށް ނޭދޭ މީހުން،" ދިވެހީންނަށް ގެއްލުންދޭން އުޅޭ މީހުންގެ ސިފައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އާއިޝަތު ޝިހާމް ވިދާޅުވި އެވެ.