27 Dec 2015, 10:28
ތަފާތު ސަބަބުތަކާ ހުރެ ނިޒާމީ ތައުލީމީ މަރުހަލާ ފުރިހަމަނުވެ ތިބި ޒުވާނުންނާއި ފުރާވަރުގެ ކުދިން ވަޒީފާ އަށް އަހުލުވެރިކޮށް ސިފަވަންތަ ބަޔަކަށް ހެދުމުގެ މަގުސަދުގައި ފުވައްމުލަކުގައި ބޭއްވި ކޭމްޕު ނިންމާލައިފި އެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓުމަންޓާއި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާ، ޔުނިސެފް އަދި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން 16 ދުވަހުގެ މުއްދަތަށް ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ އެ ކޭމްޕުގެ ބައިވެރިންނަށް ރޭ ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
ސާޅީސް ހަތަރު ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ އެ ކޭމްޕުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ އަބްދުﷲ ރަހާ އެވެ.
ކޮންމެ ސުކޮޑަކުން ވެސް އެންމެ މޮޅު ދަރިވަރު ހޮވާފައިވާއިރު، ކޭމްޕުގެ އަށް ބައިވެރިއަކަށް ވަނީ ފުވައްމުލަކު ހަމަ އިންވެސްޓުމަންޓް ފަރާތުން ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދީފަ އެވެ.
އެ ކޭމްޕުގައި ވަނީ ބައިވެރިންނަށް ދިރިއުޅުމުގެ ހަރުދަނާ އުސޫލުތައް ދަސްކޮށް ދީ، ދީނީ ކަންކަމަށް އަހުލިވެރި ކުރުމަށް ބާރުއަޅާފައިވެ އެވެ.
ހަމައެހެންމެ ދުޅަހެޔޮ ކަންމަތީ ދެމިތިބުމަށް ކަސްރަތުގެ މުހިއްމު ކަމާއި ކުށުގެ ނުރައްކަލުން ސަލާމަތްވެ ޒިންމާދަރު ރަށްވެއްސެއްގެ ގޮތުގައި މުޖުތަމައުގައި ދެމިހުރުމަށް ބޭނުންވާ ކަންތައްތައް ވެސް ކޭމްޕުގެ ބައިވެރިންނަށް އޮޅުން ފޮލުވައިދީފައިވެ އެވެ.