ބެއިޖިން (ޑިސެމްބަރ 27): ޗައިނާގައި ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ އެގައުމުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފައިވާ އާޓިކަލްއެއް ލިޔުނު ފްރާންސުގެ ނޫސްވެރިއެއް ކަމަށްވާ އާސަލާ ގޯޓިއޭ ޗައިނާއިން ބޭރުކޮށްލައިފި އެވެ.

ޗައިނާގެ ބެއިޖިން އިން ބުނި ގޮތުގައި އޭނާ ލިޔުނު އާޓިކަލް އަކީ ޝިންޖިއާންގައި ހިނގި "ޓެރަރިސްޓް އަދި ނޭދެވޭ އަމަލުތަކަށް" ތާއިދުކޮށް ލިޔެފައިވާ އާޓިކަލްއެކެވެ. އެހެން ކަމުން، އެގައުމުން ވަނީ ގޯޓިއޭގެ ޕްރެސް ކާޑް އާ ނުކުރުމަށް ނިންމާފައި ކަމަށެވެ.

ގޯޓިއޭގެ ޕްރެސް ކާޑް އާނުކޮށްފި ނަމަ އޭނާއަށް އާ ވިސާއެއް ނެހެއްދޭނެ އެވެ. އެހެން ކަމުން މިއަހަރު ނިމުމުގެ ކުރިން އޭނާ ޗައިނާ ދޫކޮށް ދާން ޖެހޭނެ އެވެ.

ގޯޓިއޭ ވަނީ ޗައިނާ އިން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ޗައިނާ އިން މަސައްކަތް ކުރަނީ ބޭރުގައުމުތަކުގެ ރިޕޯޓަރުން އެގައުމުގައި ކުރާ މަސައްކަތްތައް ހުއްޓުވަން ކަމަށެވެ.

މީގެ ކުރިން 2012 ވަނަ އަހަރު ޗައިނާ އިން ވަނީ އަލްޖަޒީރާގެ އިންސާނީ ހައްގުތަކާ ބެހޭ ނޫސްވެރިއެއް ވެސް އެގައުމުން ބޭރުކޮށްލައިފަ އެވެ. (ނޫސްއޭޖެންސީތައް)