ޓްރިވެންޑްރަމް (27 ޑިސެމްބަރު) -ނޭޕާލުން އޮތީ އިންޑިއާގެ މެޗަށް 200 ޕަސެންޓް ފޯކަސްކޮށްގެން ކަމަށާއި އިންޑިއާއަކީ ބަލި ނުކުރެވޭނެ ޓީމެއް ނޫންކަމަށް ނޭޕާލުގެ ކޯޗް ޕެޓްރިކް އޮސަމްސް ބުނެފިއެވެ.

ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'އޭ' ގެ ފުރަތަމަ މެޗްގެ އެންމެ ފަހު މިނެޓްގައި ޝްރީލަންކާ އަތުން ނޭޕާލު ބަލިވުމުން އެޓީމަށް ސެމީފައިނަލަށް ދެވެން އޮތީ 2-0 ގެ ނަތީޖާއަކުން އިންޑިއާގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ.

އޮސަމްސް ބުނީ އިންޑިއާގެ މެޗުގައިވެސް ބޭނުންކުރާނީ ޝްރީލަންކާއާ ދެކޮޅަށް ކުޅުނު އެޓޭކިން ގޭމް ޕްލޭން ކަމަށާއި އެމަޗަށްވުރެ އިންޑިއާގެ މެޗަށް އެޓޭކިންއަށް އިތުރަށް ބާރުއަޅާނެ ކަމަށެވެ.

"ލަންކާ މެޗްގައި އަހަރެމެންގެ ގޭމް ޕްލޭން ގޯހެއް ނޫން، އެޓޭކުތައް ވަރަށް ރަނގަޅު. އެ މެޗްގައި ލަނޑުވަނީ އެންމެ ފަހު މިނެޓްގައި ހެދުނު މިސްޓޭކަކުން،" އޮސަމްސް ބުންޏެވެ.

ލަންކާގެ މެޗްގައި ނޭޕާލުން ވަނީ ލަންކާގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަމަވެސް އެއްވެސް ފުރުސަތެއް ގޯލަކަށް ނިންމާލެވޭ ގޮތެއް ނުވިއެވެ.

އޮސަމްސް ބުނީ، އޭނާގެ ކުޅުންތެރިންގާތު އިތުރަށް ގޯލް ޖަހަން ބާރުއަޅައި ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި ފުރަތަމަ މެޗްގައި އެހެން ދިމާވި ނަމަވެސް ދެ ވަނަ މެޗުގައި އެގޮތަށް ކުޅެފިނަ ކުޅުންތެރިން ލަނޑު ޖަހާނެކަމަށެވެ.

އިންޑިއާ ޓީމުގެ ބައެއް މެޗްތައް ކުރިން ބަލާފައިވާއިރު މި މުބާރާތުގައި އެޓީމުގައި ގައި ހިމެނެނީ އާ ކުޅުންތެރިންތަކެއް ކަމަށާއި ފުރަތަމަ މެޗްގައި ފެނުނު ކުޅުމާ ބަލާފައި އިންޑިއާއަކީ ބަލި ނުކުރެވޭނެ ޓީމެކޭ ނުބުނެވޭނެ ކަމަށް އޮސަމްސް ބުންޏެވެ.

އެކަމަށް އޮތީ ކިހާވަރެއްގެ ޔަގިންކަމެއްތޯ ސުވާލު ކުރުމުން އޮސަމްސް ބުނީ ލަންކާއަކި ނޭޕާލަށްވުރެ ބަލި ޓީމެއް ކަމަށާއި ލަންކާއިން ނޭޕާލު ބަލިކުރިހެން ނޭޕާލަށް އިންޑިއާވެސް ބަލި ކުރެވޭނެ ކަމަށެވެ.

އިންޑިއާއާ ނޭޕާލު ކުޅޭ މެޗް ފާށާނީ ރާއްޖޭގަޑިން މިއަދު ހަވީރު 6:00 ގައެވެ.