31 Dec 2015, 15:22
ދެހާސް ފަނަރަ ވަނަ އަހަރު އެންމެ އަގު ބޮޑުކޮށް ފިލްމު ކުޅެދޭ ތަރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސަލްމާން ހާން އެވެ.
އޭނާ ފިލްމެއް ކުޅެދެނީ 40-50 ކުރޯޑު އާ ދެމެދުގެ ރުޕީސް އަށެވެ. މި އަހަރު ވެގެން ގޮސްފައި ވަނީ ސަލްމާން އަށް ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ.
ސަލްމާން މި އަހަރު ކުޅުނު ދެ ފިލްމު، ބަޖްރަންގީ ބައިޖާން އައި ޕުރޭމް ރަތަން ދަން ޕާޔޯ އަށް ވަނީ ބޮޑު ކާމީޔާބީއެއް ލިބިފަ އެވެ.

އެ ލިސްޓުގެ ދެވަނަ ރޭންކުގައި ހިމެނެނީ ޝާހުރުކްޚާން އާއި އާމިރް ހާން އެވެ. އެ ދެތަރިން ފިލްމެއް ކުޅެދެނީ 40-45 ކުރޯޑް ރުޕީސް އާ ދެމެދުގެ އަގެއްގައެވެ.
ޝާހު އަށް ވެސް 2015 ވަނަ އަހަރު ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު އަހަރެއްގެ ގޮތުގަ އެވެ. ދާދި ފަހުން ރިލީޒް ކުރި ޝާހުގެ "ދިލްވާލޭ" އަށް ވަރަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފަ އެވެ.
މިއަހަރުގެ މިހާތަނަށް އައި އިރު، އާމިރް ހާންގެ ފިލްމެއް ރިލީޒް ކޮށްފައި ނުވިނަމަވެސް، އޭނަ އަށްވެސް މިއަހަރު ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު އަހަރަކަށެވެ.
ދެހާސް ސާދަ ވަނަ އަހަރު އާމިރު ކުޅުނު ޕީކޭ އަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.
"ގަންގާޖަލް" ގެ މަސައްކަތުގައި އާމިރު އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ފިލްމު ވަރަށް އަވަހަށް ރިލީޒު ކުރެވޭނެ ކަމަށް ބެލެވެ އެވެ.

އެ ލިސްޓުގެ ތިން ވަނައިގައި އުޅެނީ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރެވެ. އެދެތަރިން ފިލްމެއް ކުޅެދެނީ 35-40 ކުރޯޑު ރުޕީސް އާ ދެމެދުގެ އަގެއްގަ އެވެ.
މި އަހަރު ރިލީޒްކޮށްފައި ވަނީ އަޖޭ ދޭވްގަންގެ އެންމެ ފިލްމެކެވެ. އެހެންނަމަވެސް އަޖޭ އަށްވެސް މި އަހަރަކީ ވަރަށް ކަމިޔާބު އަހަރެކެވެ.
އަޖޭ އާ ހިލާފަށް އަކްޝޭ ކުމާރުގެ ހަތަރު ފިލްމެއް މި އަހަރު ވަނީ ރިލީޒްކޮށްފައެވެ.
އޭނާ އަށް މި އަހަރުވެފައިވަނީ ވަރަށް ކާމިޔާބު އަހަރަކަށެވެ. ހަމައެއާއެކު އަކްޝޭ ވަނީ މިއަހަރު އެންމެ ގިނަ ފިލްމު ކުޅުނު އެކްޓަރުގެ ޝަރަފުވެސް ހާސިލް ކޮށްފައެވެ.