12 Apr 2011, 14:20
ހަ މަސްވަންދެން ކ. ގުޅިއަށް ވާރޭ ނުވެހި، ފެނަށްޖެހިފައި ވަނިކޮށް އިއްޔެ ގުޅިއަށް ވާރޭ ވެހުމުން ފެން ތިޔާގިވެ، މައްސަލަ ހައްލުވެފައިވާ ކަމަށް ރަށު ކައުންސިލުން ބުނެފި އެވެ.
ގުޅީ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ވާރިޝް މިއަދު ވިދާޅުވީ ހަ މަސް ވަން ދެން ގުޅިއަށް ވާރޭ ނުވެހި އޮތުމަށްފަހު އިއްޔެ އެ ރަށަށް ބޯކޮށް ވާރާވެހި ފެނުގެ ދަތިކަން މުޅިން ހައްލުވެފައިވާ ކަމަށެވެ. އިއްޔެ ވެހުނު ވާރޭގައި ރަށުގައި ހުރި 92 ކަޅު ހަމުގަ އާއި އެހެނިގެން ތަކެއްޗަށް ފެން ފުރާ ރައްކާކޮށްފައިވާ ކަމަށް ވެސް ވާރިޝް ވިދާޅުވި އެވެ.
"ހަ މަހަށްފަހު ވެހެން ފެށި ވާރެއިން އެކަށޭނަވަރަކަށް ފެން ރައްކާކޮށްފައިވަނީ. ރަށުގެ ހުރިހާ ގެއަކުން ފެން ރައްކާކޮށްފައި ހުރުމުން ފެނުގެ މައްސަލައަށް ހައްލެއް ލިބިއްޖެ،" ވާރިޝް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް އެ ރަށަށް 38 ޓަނުގެ ފެން މިދިޔަ ހުކުރު ދުވަހު ފޯރުކޮށްދީފައިވާ ކަމަށާއި އެ ފެން ފޯރުކޮށްދީފައިވަނީ ގައުމީ އިދާރާ މެދުވެރިކޮށް ކަމަށެވެ.
ގުޅިން ފެން ހުސްވެ، އެ ރަށް ފެނަށްޖެހިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ނެވެ. އަދި ފެނުގެ މައްސަލައަށް ހައްލެއް ހޯދަން އަތޮޅު ކައުންސިލުންނާއި ރަށު ކައުންސިލުން ޑިޒާސްޓާ މެނޭޖްމަންޓާއެކު ދެއްކި ވާހަކަތައް މެދުކަނޑައިލަން ހޯމް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އޭގެ ފަހުން އެ ރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައި ވަނީ ގައުމީ އިދާރާއިންނެވެ.