ޓްރިވެންޑްރަމް (27 ޑިސެމްބަރު) -ނޭޕަލަކީ އަބަދުވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށާއި މިއަދުގެ މެޗުގައި އެޓީމުން އިތުރު ހިތްވަރެއް ނެރޭނެ ކަމަށް އިންޑިއާގެ ކޯޗް ސްޓެފަން ކޮންސްޓެޓެއިން ބުނެފިއެވެ.

ސާފް ސުޒުކީ ކަޕްގެ ގުރޫޕް 'އޭ' ގައި އިންޑިއާއާ ނޭޕާލު މިއަދު ބައްދަލުކުރަން ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ކޮންސްޓެޓެއިން ބުނީ މިއަހަރުވެސް އިންޑިއާއިން ނޭޕާލާ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު އެ ދެމެޗުވެސް އިންޑިއާއަށް ވީ އުނދަގޫ މެޗަކަށް ކަމަށެވެ.

މިއަހަރު އިންޑިއާ ނޭޕާލާ ބައްދަލު ކުރި ފުރަތަމަ މެޗަކީ ވޯލްޑްކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ މެޗެކެވެ.

ފުރަތަމަ މެޗު އިންޑިއާގައި ކުޅެ އިންޑިއާ މޮޅުވީ 2-0 ންނެވެ. ދެ ވަނަ މެޗް ނޭޕާލުން ވަނީ ނޭޕާލުގައި ކުޅެ އިންޑިއާއާ އެއްވަރުކޮށްފައެވެ.

ކޮންސްޓެޓެއިން ބުނީ، ނޭޕާލަށް ސެމީފައިނަލަށް ދަތުރުކުރުމުގެ ދޮރެއް ހުޅުވެން އަންނަނީ މިއަދުގެ މެޗުން މޮޅުވެގެން ކަމަށާއި އެހެންވެ އެޓީމުގެ ފަރާތުން ތަފާތު ފެނިގެންދާނެ ކަމަށެވެ.

"ނޭޕާލަކީ ބަލިކުރަން އުނދަގޫ ޓީމެއް. އަހަރެމެންނަށް މިއަރުވެސް ވަނީ އެކަން ފެނިފައި. އަދި އެޓީމު މިމެޗަށް އިތުރަށް ހިތްވަރުލާނެ،" ކޮންސްޓެޓެއިން ބުންޏެވެ.

އިންޑިއާ ނޭޕާލު މިހާތަނަށް ވަނީ 16 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 10 ފަހަރު އިންޑިއާއިން ކާމިޔާބުކޮށްފައިވާއިރު ނޭޕާލަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ދެ މެޗެވެ. އަނެއް ހަތަރު މެޗް ނިމުނީ އެއްވަރުވެގެންނެވެ.

އިންޑިއާއާ ނޭޕާލު ކުޅޭ މެޗް ފެށޭނީ ރާއްޖޭގަޑިން މިއަދު ހަވީރު 6:00 ގައެވެ.