ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީން ހުޅުދުއަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މީހަކު ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީ ހުޅުދުއަށް ދާން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރުކޮށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގި އިރު އޭނާގެ ފުރަގަސް ފަރާތަށް އެއްޗެއް ޖަހާފައި ހުރިކަން ފާހަގަ ކުރެވުނު ކަމަށާއި އޭނާގެ ފުރަގަސް ފަރާތަށް ޖަހާފައިވާ ތަކެތި ޑޮކްޓަރުންގެ އެހީތެރިކަމާ އެކު ނަގައި ބެލިއިރު މަސްތުވާތަކެތި އަޅާފައިހުރި ބުލެޓް ސައިޒުގެ ހަތަރު ޕެކެޓް ލާފައިވާ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުގީގު ކުރަން 15 ދުވަހުގެ ބަންދުގެ މުއްދަތު ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދީފަ އެވެ.

މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙުގީގު ކުރަމުންނެވެ.