27 Dec 2015, 09:35
އިންގްލިޝް ޕްރިމައާ ލީގްގައި އެއް ވަނާގައި އޮތް ލެސްޓާ ސިޓީ 0-1ގެ ނަތީޖާ އަކުން ރޭ ބަލިވި އިރު ތާފާތު ބޮޑުކޮށް 0-4ގެ ނަތީޖާ އަކުން ސަންޑަލޭންޑް އަތުން އާސެނަލް ބަލިވެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އެ ޓީމުން ގެއްލުވާލާފި އެވެ.
އެންމެ ފަހުން ކުޅުނު 10 މެޗުން ވެސް ބަލިވެފައި ނުވާ ލެސްޓާ މައްޗަށް ލިވަޕޫލް އިން ކުރި ހޯދި އިރު އެ ޓީމުގެ ހަމައެކަނި ގޯލު މެޗުގެ 63 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅުނެ ނިކުއިން ކްރިސްޓިއަން ބެންޓެކޭ އެވެ.

އިންގްލިޝް ޕްރިމައާ ލީގްގައި ރޭ ލިވަޕޫލު އާއި ލެސްޓާ ސިޓީ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެ މެޗުން ބަލިވި ނަމަވެސް ލެސްޓާ ސިޓީ އަދިވެސް އޮތީ ތާވަލުގެ އެއްވަނާގަ އެވެ. އެއީ ކުޅުނު 18 މެޗުން 38 ޕޮއިންޓާއެކުގަ އެވެ. ރޭގެ މެޗު ކާމިޔާބު ކޮށްގެން އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލުނު އާސެނަލް އޮތީ ކުޅުނު 18 މެޗުން 36 ޕޮއިންޓް ލިބިގެން ދެ ވަނާގަ އެވެ. ރޭގެ މެޗު ކާމިޔާބުކޮށް ލިވަޕޫލް މިހާރު އޮތީ 27 ޕޮއިންޓާއެކު އަށް ވަނާގަ އެވެ. ސަންޑަލޭންޑް އޮތީ 12 ޕޮއިންޓާ އެކު 19 ވަނާގަ އެވެ.
ތާވަލުގެ ފުލުން ދެ ވަނާގައި އޮތް ސަންޑަލޭންޑް އަތުން ތަފާތު ބޮޑުކޮށް އާސެނަލަ ބަލިވި އިރު ސަންޑަލޭންޑް އިން ވަނީ ރޭ އާސެނަލް ގެ މައްޗަށް މޮޅު ކުޅުމެއް ދައްކާފަ އެވެ.

އިންގްލިޝް ޕްރިމައާ ލީގްގައި ރޭ ސަންޑަލޭންޑް އާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
އެ ޓީމުގެ ފުރަތަމަ ގޯލު މެޗުގެ 19 ވަނަ މިނެޓްގައި މާޓިނޭ ކާމިޔާބު ކުރި އިރު ދެވަނަ ގޯލު 55 ވަނަ މިނެޓްގައި ޖަހައި ދިނީ ޝޭން ލޯންގެ އެވެ. އެ ނަތީޖާއާ އެކު ފުރަތަ ހާފް ނިމުނު އިރު ދެ ވަނަ ހާފްގައި ވެސް އެ ޓީމުން ވަނީ ދެ ގޯލް ކާމިޔާބުކޮށް އާސެނަލް ސިއްސުވާލާފަ އެވެ.
އެ ޓީމުގެ ލީޑް އިތުރަށް ފުޅާކޮށްދިނީ މެޗުގެ 69 ވަނަ މިނެޓްގައި ޖޯސޭ ފޮންޓޭ އެވެ. އަދި ފަހު ގޯލު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ލިބުނު އިތުރު ވަގުތުކޮޅު ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ގޯލް ވެސް ކާމިޔާބު ކޮށްދިން މާޓިނޭ އެވެ.