ޝާހުރުކްޚާން ސުޕާ ހީރޯއެއްގެ ގޮތުގައި ފެނިގެން ދިޔަ ފިލްމު "ރާ ވަން" ގެ އާ ފިލްމެއް އުފައްދަން ނިންމައިފި އެވެ.

މި ފަހަރުގެ ފިލްމުގެ ނަމަކީ "ޖީ ވަން" އެވެ.

ޝާހު ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ވެސް ވަނީ "ރާ ވަން" ގެ އާ ފިލްމެއް "ޖީ ވަން"ގެ ނަމުގައި އުފައްދަން ނިންމާފައިވާ ކަމަށް ބުނެފައެވެ.

"މިހާރު ޓެކްނޮލޮޖީ ވަރަށް ބޮޑަށް ބަދަލު ވެއްޖެ. ވޭތުވެދިޔަ ފަސް އަހަރު ދުވަސް ތެރޭގައި އަހަންނަށް ޓެކްނޮލޮޖީ އާ ގުޅޭ ގޮތުން ވަރަށް ގިނަ ކަންތައްތަކެއް ދަސް ވެއްޖެ. ރާވަންގެ ސީކުއެލް އެއް އުފައްދާނަން. މިފަހަރުގެ ސީކުއެލް މާ މޮޅުކޮށް ފުރިހަމަކޮށް ހެދޭތޯ މި ބަލަނީ. އެ ފިލްމަށް ކިޔާނީ "ޖީ ވަން""، ޝާހު ބުންޏެވެ.

ދެހާސް އެގާރަ ވަނަ އަހަރު ރިލީޒް ކުރި ރާ ވަންއަކީ ބެލުންތެރިންގެ މެދުގައި، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލު ފިިލްމެކެވެ.

އެ ފިލްމުގައި ޝާހު ގެ އިތުރުން ކަރީނަ ކަޕޫރު، އަރްޖުން ރާމްޕަލް، އަރްމަން ވަރުމާ ފަދަ ތަރިން ހަރަކާތްތެރި ވެއެވެ.

ނަމަވެސް މި ފަހަރުގެ ފިލްމުން ފެނިގެންދާނީ ކޮންތަރިން ތަކެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.