މާލޭގައި މިރޭ ބިދޭސީއަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 9:45 އެހައިކަންހާއިރު ހ. އަޑިޕާކުތެރެއިން ކަމަށެވެ.

އިސްމާއީލް ވިދާޅުވީ ހަތަރު ބިދޭސީން އަޑިޕާކުގައި ތިއްބިއިރު އެތަނުން އެކަކު ފޯނުކުރުމަށް ދުރަށްޖެހިލިވަގުތު ފޯނު ފޭރިގަތުމަށްފަހު ތޫނު އެއްޗަކުން އޭނާއަށް ހަމަލާދީފައިވާ ކަމަށެވެ.

އެ ބިދޭސީމީހާ ވަގުތުން ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފަރުވާދޭން ފެށިކަމަށާއި މިހާރު އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.

"ބިދޭސީ މީހާގެ ހާލު އެހާ ސީރިއަސްއެއް ނޫން،" އިސްމާއީލް ވިދާޅުވިއެވެ.

ބިދޭސީ މީހާއަށް ތޫނުއެއްޗަކުން ހަމަލާދިނީ ކޮންބައެއްކަމެއް އަދި ނޭނގޭ ކަމަށާއި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓަމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ވެސް އިންފޮމޭޝަން އޮފިސަރު ވިދާޅުވިއެވެ.

"އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ. ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓަމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން،" އިސްމާއީލް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު މިރޭ ފިޔަވައި މިހާތަނަށް މާލޭގައި އެފަދަ ހާދިސާއެއް ހިނގާފައެއް ނުވެއެވެ.