މަނީލޯންޑަރިންގެ މައްސަލާގައި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާމިދުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކުރީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

އެންމެ ފުރަތަމަ ފުލުހުން ހާމިދު ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު މެލޭޝިޔާއިންނެވެ. އެފަހަރު އޭނާ ހައްޔަރުކުރީ ވައިބާ މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އިންޒާރުދިންކަމަށް ބުނެއެވެ.

އޭގެފަހުން ކްރިމިނަލް ކޯޓުން ދިޔައީ ހާމިދުގެ ބަންދުގެ މުއްދަތު އިތުރުރަމުންނެވެ. އެގޮތުން އެންމެ ފަހުން އެ މައްސަލާގައި އިތުރުކުރި ބަންދުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހަމަވުމުން ދޫނިދޫން އޭނާ ވަނީ ދޫކޮށްލާފައެވެ.

ޕޮލިސް ލޯންޗުގައި ހާމިދު މާލެ ފޭބުމުން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މަނީ ލޯންޑަރިންގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

މަނީލޯންޑަރިންގެ މައްސަލައިގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ވިއްކި ރަށްތަކުން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރެއެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ލީސްކުރި ރަށްތަކުގެ ތެރެއިން ރަށެއް އެމްއެމްޕީއާރްސީން ވިއްކުމަށްފަހު އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާ އެކުންފުނީގެ އެކައުންޓަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއެއްގެ އެކައުންޓަށް ޖަމާކުރުމެއް ނެތި ހާމިދު އިސްމާއިލްގެ މަސްލަަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާ އެމައްސަލައާ ގުޅުންހުރި މީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކުގެ އެކައުންޓުތަކަށާއި އެހެނިހެން އެކައުންޓްތަކަށް ޓްރާންސްފަރކޮށްފައިވާކަމަށް ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭކަމަށެވެ.

ހާމިދު އިސްމާއިލްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ރަށްތައް ވިއްކައިގެން ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރި ވުމުގައި ބައިވެރިވެ އެހީތެރިވުމުގެ ތުހުމަތުގެ އިތުރުން އެފައިސާ ހީލަތްތެރި ގޮތެއްގައި އެކިއެކި އެކައުންޓްތަކަށް ޖަމާކޮށް އޮޅުވާލައިގެން މިމައްސަލައިގައި ތުހުމަތުކުރެވޭ އެހެން ފަރާތްތަކަށް އެފައިސާ ލިބޭނެ މަގުފަހިކޮށްފައިވުންވެސް ހިމޭނޭކަމަށް ރިޔާޒު ވިދާޅުވި އެވެ.

އަދި އެމްއެމްޕީއާރްސީން އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހާމިދު އިސްމާއިލްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް އެެހެން ފަރާތްތަކަށް ދޫކުރެވުނު ރަށްތަކާއި ފަޅުތަކުން ނެގުނު ފަދަ އިކުއިޒިޝަން ކޯސްޓެއް ނެގުމެއް ނެތި ދައުލަތަށް އެކަށީގެންވާ މަންފާއެއް ނުލިބޭ ގޮތަށް ފަޅެއް ދޫކޮށްފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށާއި އެމައްސަލަތައްވެސް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހްގީގުކުރަމުންދާ ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ.