ޓްރިވެންޑްރަމް، އިންޑިއާ (26 ޑިސެމްބަރު) -މެޗުން މޮޅުވުމަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ އަސްލަކީ ކުޅުންތެރިންނަށް ކޯޗް ރީކީ ހާބަޓް ކުރާ އިތުބާރު ކަމަށް ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) ބުނެފިއެވެ.

މިއަދު ބަނގުލަދޭޝްއާ ދެކޮޅަށް ފަހުވަގުތު ކާމިޔާބު ކުރި ލަނޑު ތަކުން މޮޅުވި މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ޝާފީ ބުނީ، ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗްގައި ރާއްޖޭގެ ޑިފެންސުގައި މައްސަލަ އުޅޭކަން ގަބޫލު ކުރާ ކަމަށާއި ނަމަވެސް މިއަދު ރަނގަޅަށް ކުޅެ ނަތީޖާ ނެރެވުނީ އެ މެޗުގައި ޑިފެންސު ދަށްކޮށް ދިޔަ ނަމަވެސް ކުޅުންތެރީންނަށް ކޯޗް އިތުބާރުކޮށް މިއަދުގެ މެޗުންވެސް ފުރުސަތު ދިނުމުން ކަމަށެވެ.

"ކޯޗަށް ޝުކުރު އަދާ ކުރަން، ކުޅުންތެރިންނަށް ކުރާ އިތުބާރަށް. ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކުމުގައި ކޯޗް ކުޅުންތެރިންނަށް ކުރާ އިތުބާރު މުހިންމު ދައުރެއް އަދާކުރޭ،" ޝާފީ ބުންނެވެ.

ޝާފީ ބުނީ، ކުޅުންތެރިން މިއަދު ދެއްކި ކުޅުމާމެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށާއި ކުރިއަށް އޮތް މެޗުގައި ކުޅުންތެރިންގެ ފަރާތުން ހަމަ އެ ކުޅުން ފެންނާނެކަމަށް އުންމީދު ކުރާ ކަމަށެވެ.