12 Apr 2011, 14:12
ޓީވީ ކޮށީގައި އިމާރާތްކުރަން ހަމަޖެހިފައިވާ 108 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް އެތަނުގައި މިހާރު ބަހައްޓާފައި ހުރި އެމްއެންބީސީ ވަންގެ ސާމާނުތައް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުސްކުރަން ހައުންސިން މިނިސްޓްރީން އަންގައިފި އެވެ.
އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސާ މުހައްމަދު އާސިފް )މޮންދު( ވިދާޅުވީ، ޓީވީ ކޮށި މިހާރު އޮންނަނީ ހައުންސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށާއި އެތަން ހުސްކުރުމަށް މީގެ ކުރިން ވެސް ސަރުކާރުން އަންގައިފައިވާ ކަމަށެވެ. އަދި އެތަނުގައި ބަހައްޓައިފައި ހުރި އެމްއެންބީސީގެ ސާމާނުތައް އެތަނުން ނުނެރެ ހުރީ އެ ތަކެތި ވައްދާނެ އިތުރު ތަނެއް ނެތިގެން ކަމަށް ވެސް މޮންދު ވިދާޅުވި އެވެ.
ނަމަވެސް، މިމަހުގެ 20ގެ ކުރިން އެ ކޮށި ހުސްކުރުމަށް މިހަފުތާ ތެރޭ ހައުސިން މިނިސްޓްރީން އަނެއްކާވެސް އަންގައިފައިވާތީ އެމަސައްކަތް ކުރަމުންދާ ކަމަށް މޮންދު ވިދާޅުވި އެވެ.
"ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެ އަތަން އޮންނަނީ. އެތަނުގައި ]އެމްއެންބީސީގެ[ބައެއް ސާމާނުތައް ހުރީމަ އެ އެއްޗެހި ވައްދާނެ ތަނެއް ނެތީމަ މިހާ ދުވަސްވީ. މިހަފްތާތެރޭގައި ]މިނިސްޓްރީން[ އަންގަވައިފި މިމަހުގެ 20ގެ ކުރިން އެތަން ހުސްކުރުމަށް،" މޮންދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، އެ ކޮށި ހުސްކުރަން އަންގައިފައިވަނީ ވަނީ ރޯދަ މަހަށް ތައްޔާރުކުރާ ބައެއް ޕްރޮގްރާމްތައް އެތަނުގައި ރެކޯޑުކުރުމަށް ތައްޔާރުވަމުންދަނިކޮށް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ދަތިތަކާ ދިމާވާނެ ކަމަށެވެ.
"ރޯދަ މަހުގެ ޕްރޮގްރާމްތަކަށް އެތަން ތައްޔާރުކުރަން އަޅުގަނޑުމެން ތައްޔާރުވެގެން ތިބީވެސް. އެހެންނަމަވެސް ދެން މިހާރު ކުޑަދައްޗެއް މި ފޯރީ. އަޅުގަނޑުމެން ދެން އިތުރު ގޮތްތަކެއް ހޯދާނީ،" މޮންދު ވިދާޅުވި އެވެ.
އެމްއެންބީސީގެ ބައެއް ޕްރޮގްރާމްތައް ރެކޯޑްކޮށް، އަދި އެތަނުގެ މުވައްޒަފުންގެ މުނިފޫހިފިލުވުމަށް ކުޅިވަރާއި ހަރަކާތްތައް ހިންގާ 4000 އަކަ ފޫޓުގެ ޓީވީ ކޮށި ހުސްކޮށް، އެތަނުގައި 108 ހައުންސިން ޔުނިޓް އިމާރާތްކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ހައުންސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އެތަނުގައި އިމާރާތްކުރާ ހައުސިން ޔުނިޓް ބަހާލައިފައިވަނީ 10 ބުރިއަށް އިމާރާތްކުރާ ހަ ފްލެޓަކަށް ކަމަށެވެ. އެ ހަ ފްލެޓްގެ މަސައްކަތް ކުރުމަށް ތިން ފަރާތެއް ހޮވައިފައިވާ ކަމަށާއި އެއިން ކޮންމެ ފަރާތަކުން އަޅާނީ ދެ ފްލެޓު ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކާއެކު ދެ ހަފްތާއެއްތެރޭ އެގްރިމެންޓްގައި ސޮއިކުރާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.