26 Dec 2015, 20:39
ބަނގުރާ ކައްކަން ބޭނުންކުރާ ބައެއް ސާމާނު އައްޑޫސިޓީ ފޭދޫ ގެއަކުން ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އެ ގެ ބަލައި ފާސްކޮށް އެތަކެތި ހޯދާފައި ވަނީ އެ ގޭގައި ބަނގުރާ ކައްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.
އެތަކެތި ހޯދާފައި ވަނީ ގަން ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި އައްޑޫ ސިޓީ އިންޓެލްގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ. އެގެއިން ފުލުހުން ވަނީ ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ބަނގުރާ އަޅަން ތައްޔާރުކޮށްފައިވާ 20 ލީޓަރުގެ ހަމެއް ވެސް ހޯދައިފަ އެވެ.
މަސްތުވާ ތަކެތީގެ މައްސަލަތައް މަދުކޮށް އަމާން ވެއްޓެއް އައްޑޫ ސިޓީގައި ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމައްސަލާގައި މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.