މަސްތުވާ ތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ އަށް ރަބަރު ޕެކެޓާއެކު ކުޑަހުވަދޫން 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކުޑަހުވަދޫގައި މަސައްކަތްކުރާ އިންޓެލިޖެންސް ފުލުހުންނާ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހާ ހައްޔަރުކޮށްފައިވަނީ އެމީހާގެ އަމަލުތައް ހުރިގޮތުން މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވިގެން ކަމަށެވެ.

އެގޮތުން އެމީހާ ފެނުމުން ފުލުހުން މަޑުކުރަން އެންގުމުން އެމީހާ ވަނީ އެވަގުތު އޭނާގެ އަތުގައި ހުރި މަސްތުވާ ތަކެތި ހުރިކަމަށް ބެލެވޭ ޕެކެޓްތައް އުކާލާފައި ކަމަށާއި އެވަގުތު ފުލުހުން އެމީހާ ހައްޔަރުކޮށް، އުކާލި ޕެކެޓްތައް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރު މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރިއިރު މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ "ޓީއެސް" އަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޑަހުވަދޫ ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރަން އަށް ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.