ވޮޝިންޓަން (ޑިސެމްބަރު 26) : އިރާގާއި ސޫރިޔާގެ ބޮޑުބައެއްގައި ހަރަކާތްތެރިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ކުރަމުންގެންދާ ހަނގުރާމައަށް މިހާތަނަށް 5.4 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ބޮޑަށް ޚަރަދު ކުރެވިއްޖެކަން އެމެރިކާ ސަރުކާރުން ހާމަކޮށްފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ދާއިރާތައް ބުނާގޮތުން އިރާގާއި ސޫރިޔާގައިވާ އައިއެސްގެ އަމާޒުތަކަށް އެމެރިކާ ދޭ ވައިގެ ހަމަލާތަކަށާއި އައިއެސް ކޮންޓްރޯލް ކުރުމަށް އެމެރިކާ ހިންގާ އެކިއެކި ލޮޖިސްޓިކް ހަރަކާތްތަކަށާއި ޖާސޫސީ ހަރަކާތްތަކަށް 5.4 ބިލިޔަން ޑޮލަރަށްވުރެ ބޮޑަށް ވަނީ ޚަރަދު ކުރެވިފައެވެ.

ޕެންޓަގަންގެ ދާއިރާތަކާ ހަވާލާދީ ވޮޝިންޓަން ޓައިމްސް ބުނާގޮތުން 2014 ވަނައަހަރުގެ ކުރިންވެސް އައިއެސްއާ ދެކޮޅަށް އެމެރިކާ ޙަމަލާތައް ދެމުން ގެންދެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތަކަށް ދުވާލެއްގެ މައްޗަށް 11 މިލިޔަން ޑޮލަރު އެވްރެޖްކޮށް ޚަރަދު ވެއެވެ.


މިނޫސް ބުނާގޮތުން އައިއެސްއާ ދެކޮޅަށް އެންމެ ބޮޑަށް ޚަރަދުކުރަނީ އެމެރިކާގެ ވައިގެ ސިފައިންގެ ބަޖެޓުންނެވެ. އައިއެސްއާ ދެކޮޅަށް އެމެރިކާ ކޮށްފައިވާ ޚަރަދުގެ ތެރެއިން 69 އިންސައްތަ ޚަރަދުކޮށްފައިވަނީ އެމެރިކާގެ ވައިގެ ސިފައިން ބަޖެޓުންނެވެ. މީގެތެރެއިން އެމެރިކާ ސިފައިންގެ ޖެނެރަލް ބެޖެޓުން އައިއެސްއާ ދެކޮޅަށް ކޮށްފައިވަނީ އެންމެ 13 އިންސައްތައެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ ބަޖެޓުން 11 އިންސައްތައެވެ. އަދި ޚާއްސަ އޮޕަރޭޝަންތަކުގެ ބަޖެޓުން 7 އިންސައްތަ ޚަރަދުކޮށްފައިވާ ކަމަށްވެސް ވޮޝިންޓަން ޓައިމްސް ބުނެއެވެ.

އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އަސްކަރީ ކޯލިޝަނެއް ހަދައިގެން ހަނގުރާމަ ކުރަމުން ގެންދާތާ ގާތްގަނޑަކަށް ތިން އަހަރު ވެފައިވާއިރު އެޖަމާއަތް ކޮންޓްރޯލް ކުރުމާއި ކޮންޓެއިން ކުރުމުގައި އެމެރިކާއަށް ކާމިޔާބީތަކެއް ހާސިލް ކުރެވިފައިވީނަމަވެސް އައިއެސް ޖަމާއަތް ބަލިކުރުމުގައި އެމެރިކާއާއި އެމެރިކާ އިސްކޮށް އުފައްދާފައިވާ ކޯލިޝަން ވަނީ މުޅިން ނާކާމިޔާބުވެފައެވެ.

އައިއެސް ޖަމާއަތާ އެއްގަމުމަގުން ހަނގުރާމަކުރުމަށް އެމެރިކާ ފަސްޖެހެނީ އައިއެސްއިންކުރާ މިލީޝިޔާ ސްޓައިލްގެ ހަނގުރާމައަށް އެމެރިކާ ސިފައިންގެ ގާބިލްކަން ނެތުމާއެކު އައިއެސްގެ އަތްދަށުވާ އެމެރިކާ ސިފައިން ގެ ކަރުބުރިކޮށްގެން އަނިޔާވެރި ގޮތްގޮތަށް މަރާނެކަމުގެ ބިރު އެމެރިކާ އިޙްސާސް ކުރުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް ކަމަށްވެއެވެ. ނަމަވެސް އެއްގަމު މަގުން އައިއެސްއާ ހަނގުރާމަ ނުކޮށް ހަމައެކަނި ވައިގެ ޙަމަލާތަކުން އައިއެސްފަދަ ބާރުގަދަ ޖަމާއަތެއް ބަލިނުކުރެވޭނެކަމަށް އެމެރިކާވެސް ދެކެއެވެ.

އަނެއްކޮޅުން ސިޔާސީ އަދި އެނޫންވެސް ސަބަބުތަކަށްޓަކައި އައިއެސް ޖަމާއަތް އެއްކޮށް ބަލިކޮށްލުމަކީ އެމެރިކާގެ ސްޓްރެޓެޖީއެއް ނޫންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އެމެރިކާގެ ސިއްރު ސްޓްރެޓެޖީއަކީ އައިއެސްގެ ނުރައްކާ ހުޅަނގަށް ކުޑަވާނެ ގޮތެއްގެމަތިން އައިއެސް ހައްދު ފަހަނަޅާފައިވާ ޖަމާއަތެއްގެ ގޮތުގައި ބޭއްވުންކަމަށް ބައެއް ތަޖްރިބާކާރުން ދެކެއެވެ. އެހެންކަމުން އިސްލާމީ ގައުމުތައް ހަލާކުރާ ޖަމާއަތެއްގެ ގޮތުގައި އައިއެސް ބޭއްވުމަކީ އެމެރިކާގެ އެޖެންޑާއެއް ކަމަށާ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރަނީ އެޖަމާއަތް ވަކިމިންވަރަކަށްވުރެ ބާރުގަދަވިޔަނުދީ ކޮންޓެއިން ކޮށްފައި ބޭއްވުމުގެ ބޭނުމުގައި ކަމަށް މިފަރާތްތަކުން ދެކެއެވެ. އަދި އައިއެސް އެއްކޮށް ނައްތާލުމަކީ އެމެރިކާގެ މިވަގުތުގެ އަމާޒެއް ނޫންކަމަށް މިފަރާތްތަކުން ދެކެއެވެ. (ނޫސްއެޖެންސީތައް)