މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަލަށް ހަދަމުން އަންނަ އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ އަދަދަކަށް ގަސް އިންދައިފި އެވެ.

މިއަދު ހަވީރު 4:00 ގައި ފެށި މަސައްކަތުގެ ދަށުން އެ ސަރަހައްދުގައި ވަނީ 300 އަށްވުރެ ގިނައިން މަގޫގަސް އިންދާފަ އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގަސް އިންދަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

އެ މަސައްކަތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމާއި އެ ދެތަނުގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެހެނިހެން ވުޒާރާތަކުގެ މުވައްޒަފުންނާއި އާންމުން ބައިވެރިވި އެވެ.

ގަސް އިންދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ މަސައްކަތް މިއަދު ކޮށްފައި ވަނީ މާލޭގެ މަލަމައްޗަކީ ހިތްގައިމު ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތްތައް ނިމުމުން އެ ސަރަހައްދުން އަތޮޅުތެރޭގެ ރަށެއްގެ ގޮނޑުދޮށް ސިފަވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގަސް އިންދަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

މިނިސްޓަރު ވިދާޅުވީ ކުދި މަގޫގަސް އެ ސަރަހައްދުގައި އިންދީ ކަމާގުޅޭ މާހިރުންގެ ލަފާގެ މަތިން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި ކުރިއަށް އޮތްތާގައި ހިޔާލިބޭފަދަ ބޮޑަތި ގަސްގަސް އިންދާނެކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.