26 Dec 2015, 18:59
ޓްރިވެންޑްރަމް، އިންޑިއާ (26 ޑިސެމްބަރު) -ބަނގުލަދޭޝްގެ މައްޗަށް ކާމިޔާބު ހޯދުނީ ކުޅުންތެރިންގެ މެދުގައި ކޮމްބިނޭޝަން ރަނގަޅުވެ ޓީމެއްގެ ގޮތުގައި ކުޅުމުން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފިއެވެ.
މިއަދުގެ މެޗު ރާއްޖެއިން 3-1 ގެ ނަތީޖާއިން ކާމިޔާބު ކުރިއިރު ރާއްޖޭގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބަނގުލަދޭޝް ޓީމުން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައި ވަނިކޮށް މެޗްގެ އެންމެ ފަހު ފަސް މިނެޓްގައި ކާމިޔާބު ކުރި ދެ ލަނޑުންނެވެ.
އެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިންގެ ގޮތުގައި އެރި ކުޅުންތެރިން ކަމުގައިވާ ނާއިޒު ޙަސަން (ދާދު) އާއި އަހްމަދު ނާޝިދު (ނާއްޓޭ)އެވެ.
މެޗަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން ހާބަޓް ބުނީ، ބޫޓާން މެޗުގައި ކުރިމަތި ކަންކަން މިމެޗްގައި ކުޅުންތެރިން ފޫބެއްދި ކަމަށާއި އެގޮތުން ކުޅުންތެރިން ކޮމްބިނޭޝަން މެޗުގައި ވަރަށް ރަނގަޅަށް ފެނިގެން ދިޔަ ކަމަށެވެ.
މިއަދުގެ މެޗުގައި ނަތީޖާ ރާއްޖެ ކޮޅަށް އެނބުރުމުގައި ކޯޗް ގެނައި ބަދަލުތައް ސަބަބަކަށް ވާނެތޯ ސުވާލުކުރުމުން ގައުމީ ކޯޗް ބުނީ، ނަތީޖާ އެނބުރުމުގައި ޚާއްސަ ރޭވުމެއް ނެތް ކަމަށާއި ނަމަވެސް ނާއިޒުވެސް ލަނޑުޖެހީ އެވަގުތު މެޗްގެ ހާލަތުގައި ނިންމާލުމުގެ ހުނަރު އޭނާގެ ކިބައިގައި ހުރުމުން ކަމަށެވެ.
އަދި ފޭބި ކުޅުންތެރިން ބޭލީ އެ ކުޅުންތެރިންނަށް މެންޓަލީ ކުރިއަށް ހުރި މެޗްތަކަށް ތައްޔާރު ކުރުމަށް ކަމަށްވެސް ކޯޗު ބުންޏެވެ.