ޝަފްނާ ހުސައިން އަދި މުއާވިޔަތު އަންވަރު

ސާފް ސުޒުކީ ކަޕްގައި ރާއްޖެ އާއި ބަނގުލަދޭޝް ބައްދަލު ކުރި މެޗުގައި ނަތީޖާ އެއްވަރުވެފައި ވަނިކޮށް، ފަހު ވަގުތު ދިވެހިން ހެެއްވާލަދިނީ ޒުވާން ފޯވާޑް ހަސަން ނާއިޒް (ދާދު) އެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ދާދު ޖެހި ގޯލު ދިވެހި ތާރީހުގެ ތެރެއަށް ވަދެގެންދާނީ ފާހަގަކޮށްލެވޭ ލަނޑެއްގެ ގޮތުގަ އެވެ.

ސަބަބަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރިތާ މިނިޓެއް ނުވަނީސް، ފުރަތަމަ ލިބުނު ބޯޅައިން ފަސޭހަކަމާއެކު ލަނޑު ޖެހުމުންނެވެ.

މެޗުގެ ލީޑު ނަގަން ރާއްޖެ ކެތްމަދުވެފައި ވަނިކޮށް އުމުރުން 19 އަހަރުގެ ދާދު ޖެހި ރީތި ލަނޑުން ސަޕޯޓަރުންގެ ތައުރީފު ދަނީ ބަންޑުވަމުންނެވެ. ދިވެހި ކޯޗުންނާއި ސަޕޯޓަރުން އޭނާއަށް މިއަދު ކުރަމުންދާ ތައުރީފަކީ ހައްގު ތައުރީފެކެވެ.

ބަންގްލަދޭޝް ކަޓުވާލުމަށްފަހު ރާއްޖެ އިން ސެމީއާ ގާތަށް ޖެހިލި މެޗުގައި ނާއިޒް ލަނޑުޖެހީ، އަސަދުﷲ އަބްދުﷲ ގެ ބަދަލުގައި 89 ވަނަ މިނެޓްގައި ކުޅެން އަރައި ހަމަ އެ މިނިޓް ތެރޭގަ އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން އަހްމަދު ނާޝިދު ނަގައިދިން ހުރަހަކުން ފައިގެ ފުންނާބުން ޖަހައި ގޯލުގެ ތެރެއަށް ބޯޅަ ނާއިޒް ފޮނުވާލީ ބަންގްލަދޭޝްގެ ކީޕަރާއި ޑިފެންޑަރެއް ކައިރީގައި ހުއްޓަ އެވެ.

ދާދު މިއަދު ޖެހި ލަނޑާ ގުޅޭ ގޮތުން، އޭނާ ކުޅެމުން އަންނަ ކްލަބުގެ ކޯޗު ނިޒާމްބެ "ސަން"އާ ވާހަކަ ދައްކަމުން މިއަދު ބުނީ ދާދު ޖެހީ "ރީތި މޮޅު" ގޯލެއް ކަމަށެވެ. ދިވެހި ޕްރިމިއާ ލީގުގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ދާދުއާ މެދު ކުރާ އުންމީދާ ބެހޭ ގޮތުން ނިޒާމްބެ ބުނީ މުބާރާތަށް ދާދު ފުރިއިރު ވެސް އޭނާއަކީ ވިދާލާނެ ކުޅުންތެރިއެއް ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ.

"އޭނާ ފާހަގަ ކުރެވިގެން ދިޔަ ވިދާލާނެ ކުޅުންތެރިއެއްގެ ގޮތުގައި. ނާއިޒްގެ އެ ޑިސިޕްޓްލިންގައި ކުރިއަށްދާނަމަ ދިވެހި ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ރަނގަޅު ކާމިޔާބީތަކަކާއެކު ކުރިއަށްދާނެ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވޭ ކަމަށް،" ޒުވާން ކޯޗު ނިޒާމްބެ ބުންޏެވެ.

މިއަދު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ވެސް ރާއްޖެއިންނެވެ. ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން އެ ލަނޑު ކާމިޔާބު ކުރީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ފުރަތަމަ ހާފު އެ ނަތީޖާގައި އޮއްވައި ދެ ވަނަ ހާފުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 86 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ 10 ނަމަބަރު ކުޅުންތެރިޔާ ސުހެއިލް ރާނާ އެވެ. އެ ނަތީޖާގައި ނިމެން ދަނިކޮށް ނާއިޒް ޖެހި ލަނޑާއެކު ރާއްޖެއަށް ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދު އެވެ.

މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނެރުނު ނަތީޖާއަކީ އެންމެ ފަހުން މި ދެ ޓީމު ކުޅުނު މެޗުގައި ވެސް ނުކުތް ނަތީޖާ އެވެ. ނޭޕާލުގެ ކަތަމަންޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާފު ޗެމްޕިއަންޝިޕްގައި މި ދެޓީމު ކުޅުނު މެޗުގެ ނިމުނީ ވެސް 1-3 ގެ ނަތީޖާއަކުންނެވެ.

ޒުވާން ކުޅުންތެރިންނާއެކު ރާއްޖެއިން މިއަދު ދެއްކި ނަތީޖާއަކީ އަދި ހިތްހަމަ ޖެހޭ ނަތީޖާއަކަށް ނުވެދާނެ އެވެ. މެޗުގެ ފަހު ވަގުތުގައި ރާއްޖެއިން ލީޑު ނެގި ލަނޑުތައް ފެނިގެންދިޔަސް، މުޅި މެޗު ފެނިގެންދަނީ ރާއްޖެއަށް އުނދަގޫ މެޗެއްގެ ގޮތުގަ އެވެ. ޒުވާން ކުޅުންތެރިނާއެކު ކުޅޭ އެފަދަ މެޗެއްގައި އެހެން ދިމާވެދާނެ އެވެ. ނަމަވެސް ހިތްވަރާއެކު ކާމިޔާބީއަށް މަސައްކަތް ކުރުމުން، ނަތީޖާ ފަހިވާނެކަން މިއަދުގެ މެޗުގެ ފަހު ވަގުތުގައި ކުޅުންތެރިން ވަނީ ސާބިތުކޮށްދީފަ އެވެ.