26 Dec 2015, 19:43
ކުވައިތު ސިޓީ (ޑިސެމްބަރު 26): ހަތިޔާރު ގަތުމަށްޓަކައި ކުވައިތުން 9.8 ބިލިޔަން އެމެރިކާ ޑޮލަރު (ތިން ބިލިޔަން ކުވައިތު ދީނާރު) ރިޒާވް ފައިސާގެ ފަންޑުން ނެގުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ކުވައިތުގެ ދިފާއީ ވުޒާރާއިން ބުނީ މިއީ އެގައުމުގެ ޕާލަމެންޓުގައި ހިމެނޭ ހުރިހާ ކޮމިޓީތަކަކުން (ދިފާއީ ކަންތައްތަކާބެހޭ ކޮމިޓީވެސް ހިމެނޭގޮތަށް) ސަރުކާރަށް ރެކޮމެންޑް ކުރުމުގެ ސަބަބުން ކުރަން ނިންމިކަމެކެވެ.
ކުވައިތުގެ ރިޒާވް ފައިސާގެ ފަންޑަކީ އެގައުމުގެ އަންނަންއޮތް ޖީލުތަކަށް ޓަކައި ރައްކާކުރާ ފައިސާ ޖަމާކޮށްފައިވާ ފަންޑެވެ. މި ފަންޑުގައި ރިޒާވް ފައިސާގެ ގޮތުގައި 592 ބިލިޔަން އެމެރިކާ ޑޮލަރު މިހާރު ހުރިކަމަށްވެއެވެ. މި ފައިސާއައި މިފަންޑުން ދުނިޔޭގެ ކަންކޮޅުތަކުގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާގެ ބޭނުންކޮށްގެން ތެލުގެ އެންމެ ފީފާއެއްވެސް ނުވިއްކައި 10 އަހަރުވަންދެން ކުވައިތުގެ ރައްޔިތުންނަށް ދިރިއުޅެވޭނެ ކަމަށް އެގައުމުން ބުނެއެވެ.
މިފަންޑުން މިހާތަނަށް ކުވައިތުންވަނީ އެތަށް ސަތޭކަ ބިލިޔަން ޑޮލަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އެމެރިކާއާއި ޔޫރަޕާ އަދި އޭޝިޔާގެ ގައުމުތަކުގައި ކޮށްފައެވެ.
މި އިންވެސްޓްމަންޓް ތަކުގެ ފައިދާގެ ގޮތުގައިވެސް އަހަރެއްގެ މައްޗަށް ތިން ބިލިޔަނަށްވުރެ ގިނަ ޑޮލަރު ކުވައިތަށް ލިބޭކަމަށްވެއެވެ. ހަތިޔާރު ގަތުމަށްޓަކައި ރިޒާވް ފައިސާއިން 9.8 ޑޮލަރު ނެގުމަށް ނިންމީ ތެލުގެ އަގުދަށްވުމާއެކު ކުވައިތުގެ އަހަރީ ބަޖެޓުން މިފަދަ ބޮޑު ޚަރަދެއް ކުރެވެން ނެތުމުންނެވެ. އަދި ޓީބިލް ވިއްކައިގެން މިފައިސާ ހޯދުމަށްވުރެ ރިޒާވް ފަންޑުން މިފައިސާ ނެގުމަކީ ޚަރަދުތައް ކުޑަވާނެކަމެއްކަމަށް ޕާލަމެންޓްގެ ކޮމިޓީތަކުން ދެކޭކަމަށްވެސް ކުވައިތު ސަރުކާރުން ބުނެއެވެ.
ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ކުވައިތަކީވެސް ހަތިޔާރު ގަތުމަށް ގިނައަދަދަކަށް ފައިސާ ޚަރަދުކުރާ ގައުމެކެވެ.
ގަލްފުގެ ގައުމުތަކުން އެތައް ސަތޭކަބިލިޔަން ޑޮލަރުން ހަތިޔާރަށް ޚަރަދު ކުރާއިރު އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރު ގެ އިންޑަސްޓްރީ ނަގަހައްޓުމުގައި އިސް ދައުރެއް އަދާކުރަނީ މިފައިސާ އެވެ. ގަލްފުގެ ގައުމުތަކަކީ އަސްކަރީ ގޮތުން އަވަށްޓެރި އީރާނާ ވާދަކުރުމަށް މަސައްކަތް ކުރާ ގައުމުތަކެކެވެ. އިސްރާއީލަކީ ގަލްފުގެ ގައުމުތަކުގެ އަސްކަރީ އަމާޒެއްނޫނެވެ. އޭގެ ބަދަލުގައި ގަލްފުގެ ގައުމުތަކުގެ އަމާޒަކީ އަވަށްޓެރި އީރާނެވެ. އީރާނަކީ ހަތިޔާރުގެ އަމިއްލަ އިންޑަސްޓްރީ އެއް ގާއިމްކޮށްފައިވާ ގައުމެކެވެ.
އީރާނުގެ ހަތިޔާރުތަކުގެ ޓެކްނޮލޮޖީގެ ފެންވަރު އެމެރިކާގެ ހަތިޔާރަށްވުރެ ދަށްނަމަވެސް އީރާން ގެންދަނީ މިއިންޑަސްޓްރީ އިތުރަށް ތަރައްގީ ކުރުމަށް އަމިއްލަ ރީސާޗް ތައް ކުރަމުންނެވެ. އަދި އީރާނުގެ ބެލަސްޓިކް މިސައިލް ޓެކްނޮލޮޖީއަކީ ހުޅަނގުން ގަލްފުގެ ގައުމުތަކަށް ވިއްކާ ހަތިޔާރުތަކާ ބެލަންސް ކުރެވޭވަރުގެ ޓެކްނޮލޮޖީއެކެވެ. އީރާނާ ކުރިމަތިލުމަށްޓަކައި ގަލްފުގެ ގައުމުތަކަށް ޚާއްސަ ހަތިޔާރުގެ އިންޑަސްޓްރީއެއް ތަރައްގީ ކުރުމުގެ ބަދަލުގައި އެގައުމުތަކުން ގަންނަނީ އެމެރިކާއާއި ޔޫރަޕްގެ ހަތިޔާރެވެ. އެމެރިކާއާއި ޔޫރަޕުން ގަލްފުގެ ގައުމުތަކަށް ވިއްކަނީ އިސްރާއީލަށް ދޭ ވަރަށްވުރެ ޓެކްނޮލޮޖީގެ ގޮތުން ދަށްފެންވަރުގެ ހަތިޔާރު ކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ.
ގަލްފުގެ ގައުމުތަކުން ހުޅަނގުގެ ހަތިޔާރު ގަތްނަމަވެސް އީރާނުގެ ނޫނީ އިރާގުގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ފައިސާ ދިނުމުން ގަލްފުގެ ދިފާޢުގައި މިހާތަނަށް ނުކުމެފައިވަނީ ސީދާ އެމެރިކާގެ ލަޝްކަރުތަކެވެ. (ނޫސްއެޖެންސީތައް)