ފްރެންޑްސް އޮފް މޯލްޑިވްސް މެދުވެރިކޮށް ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިނގިރޭސި ވިލާތުން މީހުން ގެނައުމާ ބެހޭ އެމްއޯޔޫއެއްގައި މާލޭ ހެލްތު ސާވިސް ކޯޕަރޭޝަނާއި ފްރެންޑް އޮފް މޯލްޑިވްސް އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިއަދު ސޮއިކޮށްފި އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޒުބައިރު ވިދާޅުވީ ފްރެންޑްސް އޮފް މޯލްޑިވްސްއާ އެކު ސޮއިކުރި އެއްބަސް ވުމާ ގުޅިގެން ރާއްޖެ ގެންނާނީ އިނގިރޭސި ވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ސިއްހީ ދާއިރާގެ މީހުން ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ގެނެވޭ ސިއްހީ ދާއިރާގެ މީހުން ނަކީ ވިޔަފާރި އުސޫލުން ޚިދުމަތް ކުރާ މީހުންނަކަށް ނުވާނެ. އެއާ ހިލާފަށް އެމީހުން ވާނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބަޔަކަށް. އެހެންވީމާ އެކަމުގައި އަޅުގަނޑުމެން ކުރަން ޖެހޭ ހޭދަ ކުޑަވާނެ،" އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލޭ ހެލްތު ސާވިސް ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޒުބައިރު ވިދާޅުވި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހާޒް ފައިސަލް ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާނެ މީހުން ހޯދުމުގައި ހައިކޮމިޝަނުން ކޮށްދޭނެ ކަމަކީ އެފަދަ މީހުންނާ އިންޓަވިއު ކުރުމާއި އެމީހުންގެ ސެޓްފިކެޓްތައް ޗެކްކުރުން ފަދަ ކަންތައްތައް ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ފްރެންޑް އޮފް މޯލްޑިވްސްގެ ފަރާތުން ވާހަކަ ދެއްކެވި ލޫސީ ޖޯންސް ވިދާޅުވީ މާލޭ ހެލްތު ކޯޕަރޭޝަނާއި އެ ޖަމާއަތާ ގުޅިގެން އައިޖީއެމްއެޗުގައި މަސައްކަތް ކުރާނެ ސިއްހީ އެހީތެރިން ހޯދުމަށް މަސައްކަތް ކުރާތާ ދުވަސްކޮޅެއްވެފައިވާ ކަމަށާއި ނަމަވެސް އެ މަސައްކަތަށް ރަސްމީ ސިފައެއް ލިބިގެން މިދަނީ މިއަދު މިވެވޭ އެއްބަސްވުމުގެ ސަބަބުން ކަމަށެވެ.

ފްރެންޑްސް އޮފް މޯލްޑިވް އަކީ ރާއްޖޭގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށް ބުނެ އިނގިރޭވިލާތުގެ ޑޭވިޑް ހާޑިން ހަމް ނަމަކަށް ކިޔާ މީހަކު އިސްނަގައިގެން އުފައްދާފައިވާ ޖަމާއަތެކެވެ.