ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑޮކްޓަރަށް ދެއްކުމަށް މިއަދު މާލެ ގެނެސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު މޫސާ ރަމީޒު މިއަދު "ސަން" އަށް ވިދާޅުވީ ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް މިއަދު މެންދުރު ރައީސް ނަޝީދު މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަދިވެސް އެމަނިކުފާނު ހުންނެވީ ޑޮކްޓަރަށް ދެއްކެވުމުގެ ގޮތުން އޭޑީކޭ ހޮސްޕިޓަލްގައި ކަމަށެވެ.

"މެންދުރަށް އެޕޮއިންޓްމަންޓް ހަމަޖެހުމުން ވަނީ ޑޮކްޓަރަށް ދެއްކެވުމަށް އޭޑީކޭއަށް ގެންގޮސްފައި. ނާރުގެ ޑޮކްޓަރަކަށް ދެއްކެވުމަށްފަހު އަނބުރާ ގެންދާނެ،" މޫސަ ވިދާޅުވި އެވެ.

ރައީސް ނަޝީދު ނާރުގެ ޑޮކްޓަރަކަށް ދެއްކުމަށް މިއަދު މާލެ ގެނެސްފައިވާ އިރު މީގެ ދެހަފްތާއެއްގާ ދުވަސް ކުރިން ވެސް ވަނީ ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާ ދީފަ އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.