މެކްސިކޯސިޓީ (ޑިސެމްބަރ 26): ދުނިޔޭގެ އެންމެ ބަރުމީހާ ކަމަށް ބެލެވޭ، މެކްސިކޯގެ އަންދްރޭސް މޮރީނޯ އިއްޔެ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

ތިރީސްއަށް އަހަރުގެ މޮރީނޯ މަރުވީ ނޭވާލާން އުނދަގޫވުމުގެ ސަބަބުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އެމްބިއުލާންސުގަ އެވެ.

ބަރުދަން އެންމެ މަތިވި އިރު، 450 ކިލޯ ހުރި މޮރީނޯ ވަނީ ބަރުދަން ލުއިކުރުމަށް ޓަކައި 'ސްޓޮމެކް ބައިޕާސް ސާޖަރީ'އެއް އޮކްޓޯބަރު މަހު ހަދައިފަ އެވެ. އެ ސާޖަރީ ހެދުމުގެ ކުރިން ތިން އަހަރު ވަންދެން އޭނާ އޮތީ އެނދުމަތިވެފަ އެވެ.

ސާޖަރީއަށް ފަހު މޮރީނޯ ވަނީ ކައިވެނިކޮށް، އާއިލާއެއް ފެއްޓުމަށާއި އާދައިގެ ދިރިއުޅުމެއް އުޅުމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. އަދި މާބޮޑަށް ފަލަ މީހުންނަށް އެހީތެރި ވުމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް އުފެއްދުމަށް ވެސް އުއްމީދު ކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިދިޔަ މަހު މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޮރީނޯ ބަރުދަން ލުއިކުރުމަށާއި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ކުރަމުން ދިޔަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ރޮނާލްޑޯ ސޮއިކޮށްފައި އޮތް ރެއާލް މެޑްރިޑް ޖާޒީއެއް މޮރީނޯއަށް ފޮނުވާފަ އެވެ.

ދުނިޔޭގެ އެންމެ ބަރު މީހާގެ ލަގަބު މީގެ ކުރިންވެސް އޮތީ މެކްސިކޯގެ ރައްޔިތެއްގެ އަތުގައި އެވެ. މެނުއެލް އަރީބޭ ނަމަކަށް ކިޔާ އެމީހާ މަރުވީ މިދިޔަ އަހަރު އުމުރުން 48 އަހަރުގަ އެވެ. (ނޫސްއޭޖެންސީތައް)