ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި ބައެއް މުވައްޒަފުން މަގާމުން ވަކިކުރާނީ ސިވިލް ސާވިސްގެ ގަވާއިދާއެއްގޮތަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދިވެހި ސިވިލް ސާވިސްގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި އިދާރީ އޮނިގަނޑު މުރާޖައާކުރުމާއި މުވައްޒަފުންގެ ވަޒީފާއަށް ބަދަލު ގެނައުމުގައި އަމަލު ކުރަން ޖެހޭނެ އުސޫލުތައް ސީއެސްސީގެ ގަވާއިދުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ.

"އެގޮތުން މިނިސްޓްރި އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ އޮނިގަނޑަށް ގެނެވޭ ބަދަލާއި ގުޅިގެންވެސް އަމަލު ކުރެވޭނީ މި ގަވާއިދުގެ މާއްދާތަކާ އެއްގޮތަށް ކަމުގައި ދަންނަވަމެވެ،" ސީއެސްސީގެ ބަޔާނުގައި ވެއެވެ.

އެ ގަވާއިދުގައި ވާގޮތުން އޮފީހުގެ މުރާޖައާ ކުރި އޮނިގަނޑު ކޮމިޝަނުން އެންޑޯސް ކުރުމުން، އޮނިގަނޑުގައި މުވައްޒަފު އަދާ ކުރި ފެންވަރުގެ މަގާމަކަށް މުވައްޒަފުން ބަދަލު ކުރަން ވާނެއެވެ. އޭގެ އިތުރުން މަގާމެއް އުވާލަން ބޭނުން ނަމަ އެކަމަށް އެދި އެ އޮފީހަކުން ހުށަހެޅުމުން އެ މަގާމެއް އުވާލާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށްވެސް ބުނެފައި ވެއެވެ.

ސީއެސްސީގެ ބަޔާނުގައި ވަނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން 55 އަހަރުން މަތީގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވާ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް، އެ އުމުރުގެ ހުރިހާ މުވައްޒަފުން ވަޒީފާއިން ދޫކޮށްލުމަށް މިހާތަނަށް ކޮމިޝަނުން ނިންމާފައި ނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ބައެއް ސެކްޝަންތައް އުވާލައި އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެހެން އިދާރާތަކަށް ބަދަލުކުރަން ނިންމުމާ ގުޅިގެން އެ މިނިސްޓްރީގެ މުވައްޒަފުން ވަނީ މަސައްކަތް ހުއްޓާލުމަށްފަހު ހަޅުތާލު ކޮށްފައެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ކޮންމެ ކަމެއްގައި ހައްލު ހޯދަން މުޒާހަރާ ކުރުންފަދަ އުނދަގޫ ގޮތްތައް އިޚުތިޔާރު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރާނަމަ މުސާރައިން ކެނޑި އަދި "އެހެން ކަންތައްތައް ވެސް ވާނެ" ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރެވެން އަންނަނީ މުވައްޒަފުންގެ އަދަދު މަދުކޮށްގެން ކަަމަށާއި، އެއްވެސް މުވައްޒަފަކު ބާކީ ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ވަނީ ސިވިލް ސާވިސް ކޮމިޝަނަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.