ވިހި ދާއިރާ އަކުން މާސްޓަސް އަށް ކިޔެވުމަށް ތައިލޭންޑުން ދީފައިވާ ސްކޯލާޝިޕްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ތައި އިންޓަނޭޝަނަލް ޕޯސްޓުގްރަޖުއޭޓު ޕުރޮގްރާމް (ޓީއައިޕީޕީ)ގެ ދަށުން ދީފައިވާ ހިލޭ ކިޔެވުމުގެ ފުރުސަތުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނުން މިދިޔަ ހަފުތާގައި ނެރުނު އިއުލާނެއްގަ އެވެ.

ޓީއައިޕީޕީ އިން ހުޅުވާލާފައިވާ މާސްޓާސް ޕްރޮގްރާމްތަކުގެ ތެރޭގައި އެއް އަހަރާއި ދެ އަހަރާއި ދެމެދުގެ މުއްދަތުގެ ކޯސްތައް ހިމެނެ އެވެ. އޭގެއިން ކޮންމެ ކޯހަކުން ވެސް އެކެއް ނުވަތަ ދެ ޖާގަ ހުޅުވާލާފައިވެ އެވެ.

އެ ކޯސްތަކުގެ ތެރޭގައި ސައިންސްގެ ދާއިރާގެ ކޯސްތަކާއި އާޓުސް ދާއިރާގެ ކޯސްތައް ހިމެނެ އެވެ.

ޓީއައިޕީޕީގެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ކުރިމަތިލާ ކޯހަކާއި ގުޅޭ ދައިރާ އަކުން ބެޗްލާސް ޑިގުރީ ހާސިލްކޮށްފައި އޮންނަން ޖެހެއެވެ.

އަދި އެ ފަރާތަކީ އަންނަ އަހަރު 45 އަހަރު ނުފުރޭ ފަރާތެއް ކަމުގައި ވެސް ވާން ޖެހެ އެވެ.

އެ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ އަންނަ މަހު 14 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފަ އެވެ. އަދި އެ ކޯސްތަކަށް ހޮވޭ ފަރާތްތަކުގެ މައުލޫމާތު އަންނަ ޖޫން މަހު އިއުލާން ކުރަން ހަމަޖެހިފައިވެ އެވެ.