26 Dec 2015, 16:04
ފުލުހުންނަށް ހުށަހެޅި ބަލަމުންދާ މައްސަލަތަކުގެ ތަހުގީގާމެދު ރައްޔިތުންގެ އިތުބާރު މިހާރަށް ވުރެ ބޮޑުކޮށް މައްސަލަތައް އަވަހަށް ނިންމަން ހާއްސަ އިސްކަމެއް ދިނުމަށް ތަހުގީގު ކުރާ ފަރާތްތަކަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އަންގަވައިފި އެވެ.
ސީޕީ އަރީފް އާންމު ކުރެއްވި ދެންނެވުމެއްގައި ބުނެފައި ވަނީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ އިތުބާރާއި ޔަގީންކަން މިހާރަށް ވުރެ ބޮޑަށް ލިބިގެންދާނެގޮތަކަށް ތަހުގީގުގެ މަސައްކަތްތައް ފުރިހަމަކޮށް ތަހުގީގުތައް އަވަސް ކުރުމަށް މަސައްކަތަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
މައްސަލަތައް އަވަސް ކުރުމުގެ ބޭނުމަކީ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކަށް ގާނޫނުގެ ތެރެއިން ލިބިދޭން ޖެހޭ އަދަބުތައް ލިބިދިނުން އަވަސްކުރުމަށް ތަހުގީގުގެ ކަންކަން ފަހިކުރުމާއި، މައްސަލަތައް ކޭސްކުރުމާ މެދު ގޮތެއް ނިންމުން އަވަސް ކުރުން ކަމަށް ސީޕީ އަރީފް ވަނީ ވިދާޅުވެފަ އެވެ.

ތަފާތު މައްސަލަތަކުގައު ފުލުހުން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ނައްތާލަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
"މައްސަލަތަކުގެ ތަޙުޤީގު ނުނިމި ދިގުލައިގެންދާ ނަމަ އެމައްސަލާގައި ހިމެނޭ މީހުންގެ ކުށުގެ ރެކޯޑް ސާފުނުވެ ގިނަ ދުވަސްތަކެއް ވޭތުކުރަން ޖެހުމުގެ ސަބަބުން ވަޒީފާ ލިބުމުގައި ހުރި ދަތިތަކަށް ޙައްލު ހޯދައިދިނުމަށް މަގުފަހިކޮށް ދިނުން،" ސީޕީ ވިދާޅުވެފައިވެ އެވެ.
އެކަމުގެ ސަބަބުން ޒުވާނުންގެ ތެރެއިން އެކި އެކި ކޯސްތަކަށް ކުރިމަތިލާ ޒުވާނުންނާ ވަޒީފާއަށް އެދޭ ޒުވާނުންނަށް މައްސަލަތައް ނުނިމުމުގެ ސަބަބުން ކުށުގެ ރެކޯޑް ސާފުނުކުރެވި އޮންނަ އޮތުމަށް ހައްލެއް ލިބިގެންދާނެ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
"ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތަހުގީގުގެ މަސައްކަތްތަކަށް ގެނެވުނު މިބަދަލާ އެކު މައްސަލައެއް ފުލުހުންނަށް ހުށަހެޅޭތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި މައްސަލަ ކޭސް ކުރުމާ މެދު ގޮތެއް ނިންމަން ޖެހޭނެ އެވެ. މިގޮތަށް ނިންމަންޖެހޭނީ ތަހްގީގު ކުރުމުގެ އިހްތިސާސް ލިބިފައިވާ ޑިޕާޓްމަންޓެއްގެ ކޮމިޝަންޑް އޮފިސަރެކެވެ. އަތޮޅުތެރޭގައި ނަމަ 48 ގަޑިއިރު ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭނެއެވެ." ސީޕީގެ ދެންނެވުމުގައި ވިދާޅުވެފައިވެ އެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލައެއްގެ ތަހުގީގު ގިނަވެގެން 60 ދުވަސްތެރޭގައި ނުނިމި އޮތްނަމަ އެކަން ކޮމިޝަނަރު އޮފް ޕޮލިސްގެ ސަމާލުކަމަށް ގެންނަވައި މައްސަލަ ނުނިމި ހުރި އެކަށީގެންވާ ސަބަބުތައް ކޮމިޝަނަރު އޮފް ޕޮލިސްއަށް ދަންނަވަން ޖެހޭނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.
އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ ނުނިމި އޮތް ނަމަ އެކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސީޕީ ވަނީ އަންގަވާފަ އެވެ. އަދި އެމައްސަލަ ނިންމުމަށް ވަކި މުއަދްތެއް ކޮމިޝަނަރު އޮފް ޕޮލިސް ކަނޑައަޅުއްވާނެ ކަމަށް ވެސް ސީޕީގެ އެންގުމުގައިވެ އެވެ.