26 Dec 2015, 16:26
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ ވަކީލަށް އެންގުމަކާ ނުލައި ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުން، ހައި ކޯޓުން ބަންދުގެ އަމުރު ބާތިލު ކޮށްފި އެވެ.
ހައި ކޯޓުން ބާތިލުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށްޓަކައި ޅ. ހިންނަވަރު (ހަމްރާޒް) މުހައްމަދު ހުމައިދު ޑިސެމްބަރު ނުވަ ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ.
އެ އަމުރަކީ ޝަރުއީ ހަމަތަކުގެ މަތިން ނެރެފައިވާ އަމުރެއް ނޫން ކަމަށް ބުނެ ހަމްޒާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރަމުން ބުނެފައި ވަނީ ހަމްޒާގެ ބަންދުގެ މުއްދަތު އިތުރު ކުރީ އޭނާގެ ވަކީލަށް އެންގުމަކާ ނުލައި ކަމަށާއި އެހެންކަމުން އެއީ ގާނޫނާ ހިލާފަށް ނެރުނު އަމުރެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.
ހައި ކޯޓުން މައްސަލަ ބެލުމަށް ފަހު ކުރި ހުކުމްގައި ވަނީ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކުރި އިރު، އޭނާގެ ވަކީލަށް ފުލުހުންގެ ފަރާތުން އެކަން އަންގާފައި ނުވާކަމާއި އަމުރު ނެރެފައި ވަނީ ވަކީލުގެ ޣައިރު ހާޒިރުގައި ކަން ދެ ފަރާތުން ޝަރީއަތުގައި ދައްކާފައި ވާކަން އެނގެން އޮންނަ ކަމަށެވެ.
އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެމީހަކު ހައްޔަރުކުރެވުނު މައްސަލައެއް ނިމެންދެން ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ހުމެއިދަށް ފަހިކޮށް ދެވިފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.
ަނަމަވެސް އިސްތިއުނާފް ކުރި އަމުރާއި އަދި އޭގެ ފަހުން ނެރެފައިވާ އަމުރަކީ ވެސް މުސްތަގިއްލު ވަކި ދެ އަމުރު ކަމަށް ކަނޑައަޅައި ހަމްޒާ ބަންދު ކުރުމަށް ފަހުން ނެރެފައިވާ އަމުރަކީ އިސްތިއުނާފު ކޮށްފައިވާ އަމުރުގެ މައްޗަށް ބިނާކޮށް ނުވަތަ އެ އަމުރުގެ ދަށުން ނެރެފައިވާ އަމުރެއް ނޫން ކަމަށް ކަނޑައަޅައި އޭނާ މިނިވަން ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ހައި ކޯޓުން ވަނީ ނިންމާފަ އެވެ.
މައްސަލަ ނިންމާފައި ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.