މިއަހަރު އަލަށް ދައްކަން ފެށި ޓީވީ ޝޯތަކުގެ ތެރެއިން ގިނަ ބައެއްގެ އެންމެ މަގުބޫލުކަން ހޯދާފައިވާ ޝޯގެ މަގާމު އޭބީސީގެ "ކުއަންޓިކޯ" އާއި އެންބީސީގެ "ބްލައިންޑް ސްޕޮޓް" އަށް ލިބިއްޖެ އެވެ.

ވޭތުވެ ދިޔަ އަހަރުގެ އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ އާ ޓީވީ ސީރީއަކީ ފޮކްސްގެ "އެމްޕަޔާ"އެވެ. އެ ޝޯ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ.

ބްލައިންޑް ސްޕޮޓް އާއި ކުއަންޓިކޯގެ އަހަރުގެ ފިނާލޭ މިހާރު ވަނީ ދައްކާފައެވެ. އެގޮތުން ބްލައިންޑް ސްޕޮޓް ވަނީ މިހާރު ސީޒަން ދެއަކަށް ރިނިއުވެސް ކޮށްފައެވެ.

ނަމަވެސް ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ ލީޑު ރޯލުން ފެނިގެންދާ ކުއަންޓިކޯ ވަނީ ބެލުންތެރިންގެ އަދަދުގެ ގިނަ ރެކޯޑުތަކެއް މުގުރަމުންނެވެ.

އެ ދެ ޝޯގެ އިތުރުން މިއަހަރުގެ އާ ޓީވީ ޝޯތަކުގެ ތެރޭގައި ރަނގަޅު ރޭޓިންތަކެއް ލިބިފައިވާ ޝޯތައްވެސް ހިމެނެއެވެ. އެގޮތުން ފޮކްސްގެ "ސްކްރީމް ކުއީންސް" އާއި ސީބީއެސްގެ "ލިމިޓްލެސް" އާއި އެންބީސީގެ "ޝިކާގޯ މެޑްސް" އަކީ މިއަހަރު ރަނގަޅު ރޭޓިން ހޯދާފައިވާ ޝޯތަކެވެ.

މިއަހަރުގެ ފްލޮޕްވި ޝޯތަކުގެގެ ތެރޭގައި އޭބީސީގެ "ވިކެޑް ސިޓީ" އާއި "ބްލަޑް އެންޑް އޮއިލް" ހިމެނެއެވެ. އެގޮތުން ޝޯގެ ރޭޓިން ދަށްވުމާއެކު ވިކެޑް ސިޓީ ވަނީ ތިން އެޕިސޯޑަށްފަހު ނިންމާލާފައެވެ.