Live Blog: SAFF Suzuki Cup: Bangladesh athun 3-1 in molhuve Raajje Semi final aa gaathah
Live Blog: SAFF Suzuki Cup: Bangladesh athun 3-1 in molhuve Raajje Semi final aa gaathah

Last Updated:
10 year 11 month ago

ބަންގާޅު އަތުން 3-1 ލަނޑުން މޮޅުވެ ރާއްޖެ ސެމީއާ ގާތަށް

    ބުލޮގު ޚުލާސާ

    ޓްރިވެންޑްރަމުން އަހްމަދު މުޖްތަބާ، ހުސައިން ހަބީބު

    ސާފް ސުޒުކީ ކަޕްގައި ރާއްޖެއާއި ބަނގުލަދޭޝް ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ. ސާފް ސުޒުކީ ކަޕް ނުވަތަ ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޓީމު މިހާތަނަށް ހަތަރު ފަހަރު ބައްދަލުކޮށްފައިވޭ. މި މުބާރާތުގައި ރާއްޖެއަށް ބަންގްލަދޭޝް ބަލިކުރެވުނީ އެންމެ ފަހަކު. އެއީ 2011 ވަނަ އަހަރު ބޭއްވި ސާފު ޗެމްޕިއަންޝިޕްގައި.

    ރާއްޖ

    16:58އަޙްމަދު މުޖްތަބާ

    ފަހު ހާފުގައި ގެނައި ބަދަލުތަކާއެކު ބަނގުލަދޭޝް އަތުން 3-1 ލަނޑުން މޮޅުވެ ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާ ގާތަށް ރާއްޖެ ޖެހިލައިފިއެވެ.

    މިއަދު ރާއްޖޭ ޓީމުން ޖެހި ތިން ލަނޑުގެ ތެރޭން ދެ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަހުހާފުގައި ބަދަލު ކުޅުންތެރީންގެ ގޮތުގައި ކުޅެން އެރި، އަހްމަދު ނާއިޒުއާއި ނާއިޒް ހަސަން އެވެ.

    ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ރާއްޖެއަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 41 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އެެވެ. ރާއްޖެއަށް ޕެނަލްޓީ ލިބުނީ، އަހްމަދު އިމާޒް (އާއްކޮ) ބަންގާޅު ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޯޅަ، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި އެޓީމުގެ ޑިފެންސިވް މިޑްފީލްޑަރު ވާލީ ފައިސަލްގެ އަތުގައި ޖެހުމުންނެވެ. ދަގަނޑޭ ގޯލްގެ ވާތްފަރާތު އަރިމައްޗަށް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ ކީޕަރު ސާހިދުލް އަލަމްގެ އަތުގައި ޖެހިފައެވެ.

    ރާއްޖޭ ޓީމުން މެޗުގެ ލީޑު ނެގުމުގެ ކުރީން ބަންގާޅު ޓީމުން ވަނީ، ރާއްޖޭގެ ގޯލަށް ދެތިން ފަހަރެއްގެ މަތީން ނުރައްކާކޮށްފައެވެ. އެހެން ނަމަވެސް އެއިން އެއްފަހަރުވެސް ނަތީޖާ ބަދަލުކޮށްލެވޭގޮތެއް ނުވިއެވެ.

    ބަންގާޅު ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރީ، މެޗުގެ 86 ވަނަ މިނިޓްގައެވެ. އެޓީމުގެ ހެމޮންޓާ ވިންސެންޓް ބިސްވާ ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން ފޮނުވާލި ބޯޅަ ޑިފްލެކްޓްވެގެން ދިޔަވަގުތު ކީޕަރު އިމްރާނަށް ބޯޅަ މަތަނުކުރެވުމުން ބޯޅަ ގޯލްގެރެއަށް ވަނީއެވެ.

    މި ނަތީޖާއާއެކު ރާއްޖޭ ޓީމުގެ ކޯޗު ރިކީ ހާބަޓް ވަނީ ޓިމަށް ބަދަލެއް ގެނައެވެ. އެގޮތުން އަސަދުﷲ އަބްދުﷲގެ ބަދަލުގައި ޒުވާން ފޯވާޑް ނާއިޒް ހަސަން ކުޅެން އެރުވިއެވެ. އެ ބަދަލާއެކު ރާއްޖޭ ޓީމުން އުފެއްދި ފުރަތަމަ ހަމަލާގައި ބައިވެރިވެ ނާއިޒު ވަނީ ވަރަށް ފުރިހަމަ ލަނޑަކާއެކު ރާއްޖެއަށް ދެ ވަނަ ފަހަރަށް މެޗުގެ ކުރި ހޯދައިދީފައެވެ.

    ރާއްޖޭގެ ފަހު ލަނޑަކީ، ބަންގާޅު ހާފްތެރޭން ދަގަނޑޭ ވަރަށް ރީތިކޮށް އެޓީމުގެ ޕެނަލްޓީ އޭރިޔާ ކުރިމަތިން އިސްމާއިލް އީސަ (މެސީ)އަށް ޖައްސާލި ބޯޅަ މެސީ ނާޓޭއަށް ދިނުމުން ނާޓޭ ހަމަ އެހާރީތިކޮށް ބޯޅަ ގޯލް ތެރެއަށް ފޮނުވާލި ބޯޅައެކެވެ.

    ރާއްޖެއާ ބަންގާޅު މިއަދު ކުޅު މެޗުގެ ނަތީޖާއާއެކު ރާއްޖެއަށް ވަނީ، ކުޅުނު ދެމެޗުން 6 ޕޮއިންޓާއެކު ގްރޫގެ އެއްވަނައަށް ޖެހިލައި ސެމީގެ ޖާގައަކާ ކައިރިއަށް ޖެހިލައިފައެވެ. އެހެން ނަމަވެސް، ރާއްޖެއަށް ސެމީގެ ޖާގައެއް ކަށަވަރު ވާނީ، ގްރޫޕް ބީގައި މިއަދު ހަވީރު ބޫޓާނާއި އަފްޣާން ކުޅޭ މެޗުން އަފްޣާން މޮޅުވެއްޖެ ނަމަަ ނުވަތަ މެޗު އެއްވަރު ވެއްޖެ ނަމައެވެ.

    ގްރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން ބަންގާޅު ބަލިވި ނަމަވެސް، މިއަދު އަފްޣާން އަތުން ބޫޓާން މޮޅުވެއްޖެ ނަމަ، އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު އަދި ނުގެއްލޭނެއެވެ.

    16:53

    މި ނަތީޖާއާއެކު ރާއްޖެއަށް މިވަނީ ސެމީގެ ޖާގައެއް ކަށަވަރު ވެފައި.

    16:53

    މެޗު ނިމިއްޖެ.

    16:52

    ބަންގާޅު ހާފްތެރޭން ދަގަނޑޭ ވަރަށް ރީތިކޮށް ބަންގާޅު ޕެނަލްޓީ އޭރިޔާ ކުރިމަތިން އިސްމާއިލް އީސަ (މެސީ)އަށް ޖައްސާލި ބޯޅަ މެސީ ދިނީ، ނާޓޭއަށް. ނާޓޭ ހަމަ އެހާރީތިކޮށް ބޯޅަ ގޯލް ތެރެއަށް ފޮނުވާލީ.

    16:51

    ރާއްޖެ ތިން ވަނަ ލަނޑު ޖަހައިފި.

    16:51

    ރާއްޖޭ ހާފްގެ މެދެއްހާ ހިސާބުން ބަންގާޅަށް ހިލޭ ޖެހުމެއް.

    16:50

    އިތުރު ވަގުތުގެ 4 މިނިޓް.

    16:49

    ބަންގާޅު ޕެނަލްޓީ އޭރިޔާ ބޭރުން ނާއްޓޭ ފޮނުވާލި ބާރު ޝޮޓް ގޯލަށް އަމާޒުވާގޮތެއް ނުވި.

    16:48

    ނާއިޒު ލަނޑު ޖަހާފައި މިވަނީ، އަސަދުﷲގެ ބަދަލުގައި ކުޅެން ނުކުމެ އޭނާއަށް ލިބުނު ފުރަތަމަ ބޯޅައިން.

    16:46

    ރާއްޖޭ ޓީމުން ދެވަނަ ފަހަރަށް ކުރި ހޯދައިފި. ލަނޑު ޖެހީ ނާއިޒް.

    16:44

    ބަންގާޅު ލަނޑު ޖަހައިފި.

    16:42

    ޒާހިދު ފޮނުވާލި ބާރު ޝޮޓް ރާއްޖޭ ކުޅުންތެރީންގެ ޑިފެންސިވް ވޯލްގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ދެވަނަ ފަހަރަށް ވެސް ލިބުނީ ޒާހިދުއަށް. އެހެންނަމަވެސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    16:41

    ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރު ރޮނގު ކައިރިން ބަންގާޅަށް ހިލޭ ޖެހުމެއް. ބޯޅަ ފޮނުވާލަނީ ޒާހިދު.

    16:40

    ބަންގާޅު ޓީމުން ބަދަލެއް. ވާލީ ފައިސަލުގެ ބަދަލުގައި ކުޅެން އެރީ ސޮހޭލް ރަނާ.

    ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    16:38

    ބަންގާޅު ޓީމަށް ރާއްޖޭ ޕެނަލްޓީ އޭރިޔާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެޓީމު ކުޅުންތެރިއަކު ރާއްޖޭ ގޯލް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެންނަމަވެސް ބޯޅަ ދިޔައީ ހުރަސް ދަނޑިމަތީން ބޭރަށް.

    16:35

    އަނެއްކާވެސް ރާއްޖޭ ޓީމުން ބަންގާޅު ގޯލަށް ނުރައްކާތެރި ހަމަލާއެއް. ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެ ނާއްޓޭ ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގުތު ބަންގާޅު ޑިފެންޑަރުން ބޯޅަ ދިފާއުކުރީ.

    16:34

    ދަގަނޑޭ ކޯނަރަކުން ބަންގާޅު ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އަޑުބަރޭ ވަރަށް ރީތިކޮށް ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެންނަމަވެސް ކީޕަރުގެ އަތުގައި ޖެހިފައި އަނެއްކާވެސް ކޯނަރަކަށް ބޯޅަ ބޭރުވީ.

    16:32

    ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރޭން ނާއްޓޭ ހުރަސް ނަގައިދިން ބޯޅަ ބަންގާޅު ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޭރު.

    16:29

    ބަންގާޅު ޓީމުން ބަދަލެއް. ޖަމާލް ބޫޔާންގެ ބަދަލުގައި ކުޅެން އެރީ، ނަބީބް ނެވާޖް ޖިބޯން.

    ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
    16:22

    ބަންގާޅު ހާފްގެ މެދެއްހާ ހިސާބުން ރާއްޖެއަށް ހިލޭ ޖެހުމެއް. ސެންޓޭ ކުރިއަށް ފޮނުވާލި ބޯޅަ ކީޕަރުގެ އަތުގައި ޖެހިފައި ބޭރަށް ނުކުތްވަގުތު އާއްކޮއަށް ލިބުނީ. އެހެން ނަމަވެސް އާއްކޮ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.

    16:21

    ރާއްޖޭ ޓިމުން މިވަނީ ބަދަލެއް ގެނެސްފައި. ހަމްޕުގެ ބަދަލުގައި ކުޅެން އަރާފައި މިވަނީ އަހްމަދު ނާޝިދު (ނާއްޓެ).

    16:20

    އަނެއްކާ ވެސް ރާއްޖޭ ޓީމުން ހަމަލާއެއް. ބަންގާޅުގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އަސައްކޮ ފޮނުވާލި ބޯޅަ ކުޅުންތެރިއެއްގެ ގައިގަ ޖެހިފައި ކޯނަރަކަށް.

    ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗުގެ ތެރެއިން-- ސަން ފޮޓޯ/ އިމޭޖަސް އެމްވީ
    16:18

    އަސަދުﷲ ރާއްޖޭ ހާފްތެރޭން ބޯޅަ ހިފައިގެން ބަންގާޅުގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ ބޯޅަ ފޮނުވާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި. އޭނާއަށް އެހީތެރިވުމަށް ތިން ކުޅުންތެރީން ތިބި އެހެން ނަމަވެސް އަސައްކޮ ބެލީ ބޯޅަ ގޯލަށް ފޮނުވާލެވޭތޯ.

    16:17

    ބަންގާޅަށް ކޯނަރެއް. ޒާހިދު ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ފޮނުވާލި ބޯޅަ ރާއްޖޭގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބޭރުވީ.

    16:14

    ބަނގުލަދޭޝްގެ ޒާހިދު ހުސައިން ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހުރަސްކޮށްދިން ނަމަވެސް އެޓީމު ކުޅުންތެރިއަކަށް ބޯޅަ ލިބޭގޮތެއް ނުވި. ބޯޅަ ދިޔައީ އަރިމަތިން ބޭރަށް.

    16:09

    ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ސެންޓޭ ހުރަސްކޮށްލި ބޯޅަ އަސައްކޮ ބޮލުން ޖަހައި ގޯލަށް ފޮނުވާލި. އެހެންނަމަވެސް ގޯލް ކީޕަރު ބޯޅަ މަތަކުރީ.

    ރާއްޖެއަށް ލިބުނު ޕެނަލްޓީ އަޝްފާގު ގޯލަށް ފޮނުވާލަނީ-- ސަން ފޮޓޯ/ އިމޭޖަސް އެމްވ
    16:08

    ދަގަނޑޭއަށް ބަންގާޅު ކުޅުންތެރިއަކު ފައުލު ކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    16:07

    ބަންގާޅު ހާފްތެރެއިން އެޓީމުގެ ކުޅުންތެރިއަކު ރާއްޖޭ ކުޅުންތެރީން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި އޭނާއަށް މިވަނީ އަނިޔާއެއް ލިބިފައި. ބަންގާޅު ޓީމަށް އެޓީމުގެ ހާފްގެ މެދެއްހާ ހިސާބުން ޖެހުމެއް.

    16:03

    ދެވަނަ ހާފްގެ ކުޅުން ފަށައިފި.

    ރާއްޖެ - ބަނގުލާދޭޝް މިއަދު ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުން -- ސަން ފަޔާޒު މޫސާ
    ރާއްޖެ - ބަނގުލާދޭޝް މިއަދު ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުން -- ސަން ފަޔާޒު މޫސާ
    ރާއްޖެ - ބަނގުލާދޭޝް މިއަދު ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުން -- ސަން ފަޔާޒު މޫސާ
    ރާއްޖެ - ބަނގުލާދޭޝް މިއަދު ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުން -- ސަން ފަޔާޒު މޫސާ
    15:55

    ސާފު ސުޒުކީ ކަޕްގައި މި ދެ ޓީމު ފަސް ވަނަ ފަހަރަށް ބައްދަލު ކުރާ މި މެޗަކީ ދެޓީމަށް ވެސް ވަރަށް މުހިއްމު މެޗެއް.

    މެޗުން މޮޅުވެގެން ރާއްޖެއަށް ސެމީ ފައިނަލަށް ދެވޭއިރު، މުބާރާތުގެ ސެމީ ފައިނަލުގެ ދަތުރު ބަނގުލަދޭޝްއަށް ފެށެން އޮތީ މިއަދުގެ މެޗުން މޮޅުވެގެން. މިއަދުގެ މެޗުން އެޓީމު ބަލިވެއްޖެނަމަ އެޓީމު މުބަރާތުން ކަޓާނެ.

    15:53

    ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު މިފަހަރުގެ މުބާރާތަށް ނުކުތް ބަނގުލަދޭޝް ޓީމުގައި ފާހަގަ ކޮށްލެވޭ، އަދި ރާއްޖެއަށް ނުރައްކާ ކުރާނެ ކުޅުންތެރިން ތަކެއް އެބަ ތިބި. އަފްގާނިސްތާން އަތުން ބަލިވި ނަމަވެސް އެ ޓީމުގު މުހައްމަދު ސަކަވާތު ހޮސެއިން ރޮނީ އާއި ސޮހެލް ރަނާގެ ފަރާތުން ރާއްޖެ ކޮޅަށް މިއަދު ނުރައްކާ ކުރާނެ ކަމަށް އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު ޖަމާލް ބޫޔާން ވެސް ވަނީ ބުނެފައި.

    15:51

    .

    އެންމެ ފަހުން 2011 ވަނަ އަހަރު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ކުޅުނު މުހިއްމު ފަސް ކުޅުންތެރިޔަކު ކޯޗް ރިކީ ހާބަޓް ވަނީ މިފަހަރުގެ ދިވެހި ޓީމުގައި ހިމަނާފައި. އެއީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި، ވައިސް ކެޕްޓަން މުޙައްމަދު ޢާރިފު (ބަކާ)، ޑިފެންޑަރު ޝާފިއު އަޙްމަދު (ޝާފީ) އާއި ޢަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ކުޅަދާނަ ކީޕަރު އިމްރާން މުޙައްމަދު (އިންމަ).

    15:49

    ސަރަހައްދުގެ ބޮޑު ބާރުކަމަށްވާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2011 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއިން ވަނީ ބޮޑު ތަފާތަކުން، 1-3 ނަތީޖާއަކުން ބަނގްލަދޭޝް ބަލިކޮށްފައި.

    15:47

    ފުރަތަމަ ހާފް ނިމިއްޖެ.

    15:46

    އިތުރު ވަގުތުގެ އެއް މިނިޓް.

    15:44

    ބޯޅައިގައި އަތުން ޖެހި، ބަންގާޅު ޓީމުގެ ވާލީ ފައިސަލަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފައި.

    15:42

    ދަގަނޑޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ސާހިދުލް އަލަމް އަތުގައި ޖެހިފައި ގޯލް ތެރެއަށް.

    15:42

    ޕެނަލްޓީ ޖަހަނީ ދަގަނޑޭ.

    15:42

    ޕެނަލްޓީ ޖަހަނީ ދަގަނޑޭ.

    15:41

    ދަގަނޑޭ އާއްކޮއަށް ދިން ބޯޅަ ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ފޮނުވާލުމުން އެޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުނީ.

    15:41

    ރާއްޖެއަށް ޕެނަލްޓީއެއް.

    15:39

    މިއަދުގެ މެޗު ބަލަންވެސް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ދަނޑަށް ވަދެ އެބަތިބި. އަދި މެދު ނުކެނޑި ސަޕޯޓަރުން ދަނީ ޓިމަށް ހިތްވަރު ދެމުން.

    15:38

    ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރު.

    15:37

    ބަންގާޅު ޕެނަލްޓީ އޭރިޔާ ބޭރުން ރާއްޖެއަށް ހިލޭ ޖެހުމެއް.

    15:35

    ފުރަތަމަ ހާފުގެ 35 މިނިޓްގެ ކުޅުން ނިމިއްޖެ. އަދިވެސް ނަތީޖާއަށް ބަދަލެއް ނާދޭ.

    15:32

    ސެންޓޭ ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ގޯލަށް ފޮނުވާލި ބޯޅަ އަމާޒެއް ނުވި.

    15:31

    ރާއްޖޭ ޓީމުން ބޫޓާނާ ދެކޮޅަށް ދެއްކި ފަދަ އަވަސް ކުޅުމެއް މިއަދު ނުފެނޭ.

    15:31

    ބަންގާޅު ޓީމުން މިހާރު ކައިރިކައިރީގައި މިވަނީ ރާއްޖޭ ގޯލަށް ދެފަހަރަކު ނުރައްކާކޮށްފައި.

    15:29

    ބަންގާޅު ޓީމުން އަނެއްކާވެސް ނުރައްކާތެރި ހަމަލާއެއް. ހެމޮންޓާ ބިސްވާއަށް ރާއްޖޭ ޕެނަލްޓީ އޭރިޔާ ތެރޭން ލިބުނު ބޯޅަ އޭނާ ފޮނުވާލަން އުޅުމުގެ ތެރޭގައި ހުރަހަކަށް ވީ ކީޕަރު އިމްރާން.

    15:28

    ބަންގާޅަށް ކޯނަރެއް. އެ ޓީމުގެ މަމޫނުލް ރާއްޖޭ އޭރިޔާ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އެޓީމުގެ ކުޅުންތެރިއަކު ރާއްޖޭ ގޯލަށް ފޮނުވާލުމުން ކީޕަރު އިމްރާންގެ އަތުގައި ޖެހިފައި ބޭރުވީ.

    15:26

    ބަންގާޅު ޓީމުގެ ޒާހިދު ހުސައިން ރާއްޖޭ ގެ އޭރިޔާތެރެއަށް ހުރަސްކޮށްލި ބޯޅަ ގޮސް ޖެހުނީ ގޯލް ގެ ހުރަސް ދަނީޑިގައި އަދި ބޯޅަ ވެއްޓުނު ވަގުތު އެޓީމުގެ ކުޅުންތެރީން ރާއްޖޭ ގޯލަށް ބޯޅަފޮނުވާލަން ކުރި މަސައްކަތް ކާމިޔާބެއް ނުވި.

    ގައުމީ ޓީމް -- ސަން ފޮޓޯ / ފަޔާޒު
    މިއަދު ކުޅޭ ރާއްޖެ ބަންގުލާދޭޝް މެޗެ -- ސަން ފޮޓޯ/ ފަޔާޒު
    މިއަދު ކުޅޭ ރާއްޖެ ބަންގުލާދޭޝް މެޗެ - ސަން ފޮޓޯ / ފަޔާޒު
    15:25

    މެޗުގައި 25 މިނިޓް ކުޅެވުނުއިރު އަދި އެއްވެސް ޓީމަކަށް ނަތީޖާ ބަދަލުކޮށްލާފަދަ ރަނގަޅު ހަމަލާއެއް ނުއުފެއްދޭ.

    15:23

    ބަނގުލަދޭޝް ޕެނަލްޓީ އޭރިޔާ ބޭރުން ދަގަނޑޭ ވަރަށް ބާރަށް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރު.

    15:20

    ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެއާއި ބަންގާޅު ބައްދަލުކޮށް 1-1 އިން އެއްވަރު މެޗަށް ފަހު ދެން މި ދެޓީމު ބައްދަލުކުރީ އޭގެ ހަ އަހަރު ފަހުން 2003 ވަނަ އަހަރު ބަނގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި. އެފަހަރު އަމިއްލަ ގައުމުގައި ބަނގްލަދޭޝް ވަނީ ގްރޫޕް ސްޓޭޖުގައި 0-1 ނަތީޖާއަކުން ރާއްޖެ ބަލިކޮށްފައި.

    އެމުބާރާތުގެ ފައިނަލުގައިވެސް ބައްދަލު ކުރީ ބަނގުލަދޭޝްއާ ރާއްޖެ. ބަންގްބަންދު ސްޓޭޑިއަމަށް މެޗު ބަލަން ވަދެ ތިބި ބަނގްލަދޭޝްގެ އެތައް ސަތޭކަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗު 90 މިނެޓް ހަމަވެ އިތުރަށް ކުޅުނު 15 މިނެޓްގެ ދެހާފު ނިމުނުއިރުވެސް 1-1 ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން ބަންގުލަދޭޝްއިން ވަނީ މުބާރުގެ ޗެމްޕިއަންކަން އެ ފަހަރު ހޯދާފައި. އެއީ މި މުބާރާތް ބަންގުލަދޭޝް ކާމިޔާބު ކުރި ހަމައެކަނި ފަހަރު.

    15:09

    އަނެއްކާ ވެސް ބަންގާޅު ހާފްތެރޭން ހިލޭ ޖެހުމެއް. ޕެނަލްޓީ އޭރިޔާގެ 20 ވަރަކަށް ފޫޓ ުބޭރުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް އަމާޒެއް ނުވި.

    15:08

    އަސައްކޮ ބޯޅަ ހިފައިގެން ބަންގާޅު ޕެނަލްޓީ އޭރިޔާ ތެރޭން ގޯލަށް ބޯޅަ ފޮނުވާލެވޭތޯ މަސައްކަތްކުރި ނަމަވެސް ބަންގާޅު ކީޕަރު ބޯޅަ ދިފާއުކުރީ.

    15:07

    ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލް ކީޕަރު ސާހިދުލް އަލަމްގެ އަތަށް.

    ދިވެހި ގައުމީ ޓީމް މިއަދުގެ މެޗެ ފެއްޓުމުގެ ކުރިން --
    15:06

    ބަންގާޅު ހާފްގެ މެދެއްހާ ހިސާބުން ރާއްޖެއަށް ހިލޭ ޖެހުމެއް. ކުރިއަށް ފޮނުވާލަނީ ދަގަނޑޭ.

    15:03

    ފުރަތަމަ 5 މިނިޓްގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް އަދި ނުއުފެއްދޭ.

    15:02

    މިއަދަކީ އުޑުމަތި ސާފު އެހެންނަމަވެސް ހޫނު ގަދަ ދުވަހެއް. ޓްރިވެންޑްރަމް އިންޓަނޭޝަނަލް ސްޓޭޑިއަމްގެ ހޫނުމިން ހުރީ، 31 ޑިގްރީ ސެލްސިއަސްގައި.

    15:01

    މެޗު ފަށައިފި.

    14:59

    މެޗު ފަށަނީ ރާއްޖޭ ޓީމުން.

    ދިވެހި ގައުމީ މިއަދު މެޗު ފެށުމުގެ ކުރީން ދަނޑުގައި
    ބަނގްލާދޭޝް ޓީމް
    ދިވެހި ގައުމީ މިއަދު މެޗު ފެށުމުގެ ކުރީން ދަނޑުގައި
    14:56

    މިހާރު ކުރިއަށް ދަނީ ދިވެހިރާއްޖޭގެ ގައުމީ ސަލާމް.

    14:55

    މިހާރު ކުރިއަށް ދަނީ ބަނގުލަދޭޝްގެ ގައުމީ ސަލާމް.

    14:53

    މެޗަށް ތައްޔާރުމުވުމުގެ ގޮތުން ދެޓީމުގެ ކުޅުންތެރީންނާއި އޮފިޝަލުން ދަނޑަށް ނުކުމެއްޖެ.

    14:51

    ރާއްޖެއާ ދެކޮޅަށް މިއަދު ބަންގާޅު ޓީމު ނުކުންނައިރު މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަންގާޅު ވަނީ އަފްޣާނިސްތާން އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންބަލިވެފައި. އަދި ރާއްޖެ ވަނީ ކުޅުނު ފުރަތަމަ މެޗުން ބޫޓާން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައި.

    14:46

    ރާއްޖެއާ ދެކޮޅަށް ބަންގާޅުން ނެރޭ ފުރަތަމަ 11:

    • އެމްޑީ ޝާހިދުލް އަލަމް –ގކ-

    • ޖަމާލު ބޫޔާން
    • އެމްޑީ ޔާސީން ޚާން
    • އެމްޑީ ޒާހިދު ޙޮސެއިން
    • މަމުނުލް އިސްލާމް މައުމުން -ކ-
    • ޓޮޕޫ ބާމަން
    • ހެމާންޓާ ވީސެންޓް ބިސްވާސް
    • އެމްޑީ ރޭހާން ޙަސަން
    • އެމްޑީ މޯނަމް ޚާން ރާޖޫ
    • މުހައްމަދު ޝަކުވަތު ރޮނީ
    • އެމްޑީ ވާލީ ފައިސަލް
    14:45

    ބަންގާޅާ ދެކޮޅަށް ނެރޭ ރާއްޖޭ ޓީމުގެ ފުރަތަމަ 11:

    • އަހުމަދު އިމާޒް (އާއްކޮ)

    • އަމްދާން އަލީ (އެންޑީ)
    • އަސަދުﷲ އަބްދުﷲ (އަސައްކޮ)
    • އިމްރާން މުހައްމަދު – - ގކ -
    • ސަމްދޫހް މުހައްމަދު
    • ޝާފިއު އަހުމަދު
    • އަހުމަދު އަބްދުﷲ (ލިލީ)
    • އަސްހަދު އަލީ (އަޑޭ)
    • މުހައްމަދު ހަމްޒާ (ހަމްޕު)
    • އަލީ އަޝްފާގް(ދަގަނޑޭ) –- ކ -
    • އަލީ ފާސިރު (ސެންޓޭ)