ގދ. ވާދޫ ފަޅު ތެރެއިން އެ ރަށު މީހަކު އެއް ކިލޯގެ މާވަހެރެއް ހޮވައިފި އެވެ.

އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ވާދޫ ފަޅު ތެރެއިން މާވަހަރު ހޮވާފައި ވަނީ ގދ.ވާދޫ ލޫނާ، އަބްދުﷲ ރުޝްދީ އެވެ.

ސަން އަށް މައުލޫމާތު ދެމުން ރުޝްދީ ބުނީ، އޭނާ އަށް އެ މާވަހަރު ފެނިފައި ވަނީ މޫދަށް ގޮސް އުޅެނިކޮށް ކަމަށެވެ. އަދި އެއީ މާވަހަރެއް ކަމަށް ރަށުގެ ގިނަ ދުވަސްވީ ގިނަ މީހުން ވެސް އިއްތިފާގުވާ ކަމަށެވެ.

"މާލެއަށް ފޮނުވަން ވެގެން މިއުޅެނީ ޓެސްޓް ކުރަން. މިއަދު ފޮނުވޭތޯ މި މަސައްކަތް ކުރަނީ،" ރުޝްދީ ބުންޏެވެ.

ސަން އަށް މައުލޫމާތު ދެމުން ގދ.ވާދޫ ކައުންސިލް މެމްބަރު ނައުޝާދު ވަހީދު ވިދާޅުވީ، މާވަހަރު ފެނުނު އިރު ވަރަށް ބޮޑަށް ފެހި ޖަހާފައިވާ ކަމަށެވެ. އެހެންނަމަވެސް ދޮވެލުމުން އޭގެ ކުލަ ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދޮވެލީމާ ހަމަ ކުލަ އެބަ ބަދަލުވޭ، ވަރަށް ކަޅު ކުލައެއްގައި އޮތް މާވަހަރެއް އެއީ. ރަށުގެ ގިނަ ދުވަސްވީ މީހުން ބުނަނީ އެއީ ކަޅު މާވަހަރެއް ކަމަށް،" ނައުޝާދު ވިދާޅުވި އެވެ.

މާވަހަރު ހޮވި އަބްދުﷲ ރުޝްދީ ބުނީ، މާވަހަރު ޓެސްޓް ކުރުމަށް ފަހު އަސްލު މާވަހަރަކަށް ވެއްޖެ ނަމަ ވިއްކާލުމަށް ނިންމާފައިވާ ކަަމަށެވެ.