ވިލިމާލޭގައި ޒުވާނަކަށް ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފި އެވެ. އިއްޔެ ހަވީރު ދިން ހަމަލައާ ގުޅިގެން، އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުންގެ ބުނީ ވިލިމާލޭގައި މާރާމާރީ ހިންގައި ޒުވާނަކަށް ހަމަލަ ދިނީ އިއްޔެ ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. އަދި ބުނީ އެއީ ގުރޫޕް މާރާމާރީއެއް ކަމަށާއި ޒުވާނާއަށް ހަމަލަ ދީފައި ވަނީ ދަގަނޑު ބުރިއެއް ކަހަލަ އެއްޗަކުން ކަމަށެވެ.

ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމަށާއި މި ހަމަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު، ޒީނަތު އަލީ ހަބީބު މިއަދު ވިދާޅުވީ ވިލިމާލޭގެ މާރާމާރީގައި އިއްޔެ ޒަހަމްކޮށްލި ޒުވާނާގެ ހާލު ސީރިއަސް ކަމުން ފަރުވާ ދެމުން އަންނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށާއި ހޮސްޕިޓަލަށް ގެނައި އިރު ވެސް އެ ޒުވަނާ ހޭ ނާރާ ކަމަށެވެ.

ފަރުވާ ދެމުން އަންނަ ޒުވާނާގެ ބޮލަށް ލިބިފައި ވަނީ ކިހާވަރެއްގެ ޒަހަމެއް ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ދަގަނޑު ބުރިން ޖަހައި ބޮލުގެ ފުއްކިބަ ފަޅައިލުމުން ވަރަށް ބޮޑު ޒަހަމެއް އުފެދި ސިކުނޑިއަށް ލޭ ފޭދިފައިވާ ކަމަށް ސަން އަށް ވަނީ އެނގިފަ އެވެ.

ވިލިމާލޭ މާރާމާރީގައި ޒަހަމްކޮށްލީ ކޮން ރަށެއްގެ ޒުވާނެއް ކަމެއް އަދި ސާފެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި އެ ޒުވާނާ ދިރިއުޅެނީ ވިލިމާލޭގަ އެވެ.

އެންމެ ފަހުން މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލާފައި ވަނީ މީގެ ފަސް ދުވަސް ކުރިންނެވެ. އެދުވަހު ވަޅިން ހަމަލަދީ ޒަހަމްކޮށްލާފައި ވަނީ އިންޑިޔާ މީހެކެވެ.