މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) އަށް 100 އަށް ވުރެ ގިނަ ޒުވާނުން އަނެއްކާވެސް ސޮއިކޮށްފި އެވެ.

ރޭ އެމްޑީއޭގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑީއޭ އާ ގުޅުނު ޒުވާނުންގެ މެމްބަޝިޕް ފޯމް އެމްޑީއޭ ގެ ނައިބު ލީޑަރު އަދި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާ ހަވާލުކޮށްދެއްވީ އެޕާޓީގެ ކައުންސިލް މެމްބަރު އަދި ފިޝަރީޒް މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް ޚޫރުޝީދު ތައުފީގެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމްޑީއޭ އިން ރައީސް ޔާމީނާ އެކު 2018 ކާމިޔާބު ކުރާނީ ގިނަ އަދަދެއްގެ ޒުވާނުންނާ އެކުގައި ކަމަށެވެ.

އެމްޑީއޭގެ ޒުވާނުންގެ މަޖިލީހުގެ ރައީސް އަހްމަދު ރީހާން ވެސް އެރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރީހާން ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެތައް ޒުވާނުންނެއް އެމްޑީއޭ އާ ގުޅެމުން އަންނަ ކަމަށާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެގެން ދާނީ މިއަދުގެ ސަރުކާރު ނަގަހައްޓާނެ މައި ތަނބަށް ކަމަށެވެ.

އެމްޑީއޭއަށް ސޮއިކުރި ބައެއް މީހުން އެޕާޓީގެ ޒުވާނުންގެ މަޖިލީހުގެ ރައީސް ރީހާނާ އެކު --- ފޮޓޯ: އެމްޑީއޭ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީއޭގެ އަމީން އާންމު އިސްމާއިލް ސައީދު ވިދާޅުވީ އެމްޑީއޭއަކީ ނޫކަށި ޒުވާނުންނަށް ސެލިއުޓް ކުރާނެ ޕާޓީއެއް ކަމަށެވެ.

"އެމްޑީއޭ އަކީ ހިތްތިރި، ކެތްތެރި، އޯގާތެރި، މުރާލި ލީޑަރެއްގެ މަގުދެއްކުން އޮވެގެން ކުރިމަގަށް ވިސްނުންތެރިކަމާ އެކު ދަތުރު ކުރަމުންދާ ޕާޓީއެއް. ޒުވާން ހަކަތަ އާއި އިހުސާސާ އުންމީދު ހުރި ޒުވާނުން މި ޕާޓީ އިން ފެންނާނެ،" އޭނާ ވިދާޅުވިއެވެ.