26 Dec 2015, 13:40
މިދިޔަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މުލީއާގެ ކައިރިން އައިއީޑީއެއް ފެނުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކުރީ މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އެންމެންނަކީ ވެސް 18 އަހަރުން މަތީގެ މީހުންނެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ މުލީއާގެ ކައިރީގައި ހުރި ޕިކަޕެއްގައި އައިއީޑީއެއް ހަރުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހަވަހާރަކޮށްލުމުގެ ގޮތުން ކަމަށެވެ.
އުމަރު ވިދާޅުވީ އައިއީޑީ ހަރުކޮށްފައިވާ މަގަކީ ރައީސް ޔާމީން އާންމުކޮށް ދަތުރުފުޅުކުރައްވާ މަގެއް ކަމަށެވެ.
އައިއީޑީ ފެނުމާއެކު އެމްއެންޑީއެފުން ވަނީ ސްޓޭޑިއަމް ސަރަހައްދަށް އެގޮތުން އެޑިވައިސް ނުގޮވާގޮތަށް ހަދައިފައެވެ.
އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވެފައި ވަނީ މުލީއާގެ ސަރަހައްދުގައި އެ އައިއީޑީ ގޮވިނަމަ އެ ސަރަހައްދުގެ އެތައް ގެއެއްގެ ބިމާހަމަވެ، އެހަތައް ބައެއް މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ ހާދިސާއަށްފަހު ސަރުކާރުން މިހާރު ވަނީ މުލީއާގެ ކައިރީ ވެހިކަލްތައް ޕާކުކުރުން މަނާކޮށްފައެވެ.