26 Dec 2015, 13:29
ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައިވާ ތިން މީހުންގެ ބަންދުގެ މުއްދަތު ފަސް ފަހަރަށް އިތުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރި ތިން ސިފައިންގެ މީހުންގެ ބަންދުގެ މުއްދަތު ފަސް ވަނަ ފަހަރަށް އިތުރުކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ ތިން ސިފައިންގެ މީހުންނަކީ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒާއި ސާޖަންޓް މޫސާ ޒަމީރާއި އެކްސްޕްލޯސިވް އޯޑިނަންސް ޑިސްޕޯސަލް (އީއޯޑީ) ޔުނިޓުގައި އިސްކޮށް ހަރަކާތްތެރިވާ ލެފްޓިނެންޓް އަހްމަދު ތިހާމްއެވެ.
އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ކިޔައިދިން ގޮތުގައި ޒަމީރަކީ ބޮން ނުގޮވާ ގޮތަށް ރައްކާތެރިކަމާ އެކު އެތަކެތި ނައްތާލުމުގެ ގާބިލްކަން ލިބިފައިވާ މީހަކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގައި ކުރިން މަސައްކަތް ކުރި ހަށިފާރަވެރިއެކެވެ.
ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވުމުގެ ސަބަބުން ރައީސް ޔާމީނުގެ އަނބިކަނބަލުންނާއި އެމަނިކުފާނުގެ ބޮޑީ ގާޑަކަށް ވަނީ ޒަޚަމްތަކެއް ލިބިފައެވެ.
ހައްޖުގެ އަޅުކަމަށް ފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާގައި ބޮންގޮއްވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.
އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށް ފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.
އެ ހާދިސާގެ ފަހުން ޕާޕާ އާއި ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ބޮޑީގާޑު ކޯޕްރަލް އަހްމަދު އާމިރު ވަނީ ސިފައިންގޭގައި ބަންދުކޮށްފަ އެވެ. އަދި އިތުރު ސިފައިންގެ ބަޔަކު ވެސް ވަނީ ބަންޑާރަކޮށީގައި ބަންދުކޮށްފައެވެ.